ދުނިޔޭގެ އޯބިޓްގެ އެންމެ ތިރީ ފަށަލާގައި، ނަމަވެސް ޒީރޯ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރު އެއްވެސް ވަރަކަށް އެކުނުލެވޭ ސަރަހައްދުގައި ތަރައްގީ ކުރާ ޖައްވީ ހޮޓާ، 2027 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ޖައްވީ ތަޖުރިބާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ.
"ވޮޔޭޖާ ސްޓޭޝަން" އަކީ ލަގްޒަރީ ފެންވަރުގެ ހޮޓަލެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ހޮޓާ ތަރައްގީ ކުރަނީ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވޭނެ އިންތިޒާމްތަކުގެ އިތުރުން، އަދިވެސް އެކި ކަހަލަ ހަރަކާތްތައް ހިންގޭނެ ބައިތަކާވެސް އެކުގައެވެ.
މި ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނީ 2025 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
އޯބިޓަލް އެސެމްބްލީ ކޯޕަރޭޝަންއިން ބުނީ، މި ހޯޓާ ފަރުމާ ކުރަނީ ގައުމީ ޖައްވީ އިދާރާތަކުގެ އިތުރުން، ގްރެވިޓީ ދަށް ސަރަހައްދުތަކުގެ ދިރާސާ ކުރާ ފަރާތްތަކާ، ޖައްވީ ފަތުރުވެރިންގެ ތެރެއިން ހޮޓާ ފެންވަރުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ކަމަށެވެ.
ރެސްޓޯރަންޓާ، ކުތުބުހާނާގެ އިތުރުން ޖިމް ފަދަ ތަންތަނާއެކުގައި ތަރައްގީ ކުރާ ޖައްވީ ހޮޓަލުގައި ދުވަހެއް ހޭދަ ކުރުމަށް ކުރަން ޖެހޭނީ ކިހާ ހޭދައެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
"ވޮޔޭޖާ ސްޓޭޝަން" ތަރައްގީ ކުރަނީ، ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދެއްގައި، ދުނިޔޭގެ ބިމަށް ދަތުރު ކުރެވޭނެ އެމާޖެންސީ އުޅަނދުތަކާވެސް އެކުގައެވެ.