ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ 02 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ މި ދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 24.6 މިލިއަން ރުފިޔާއަށެވެ.