އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ރޫހު ދިރުވާ އާލާ ކުރުމަށް، އެމެރިކާއާއި ވިލާތާތުގެ ބާރުތަކާއެކު ނުރަސްމީ މަޝްވަރާތަކަކަށް ދެވެން ނެތް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން ބުނަމުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ދެވެން އޮތީ، އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައިގެން ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ހަތީބުޒާދީ ވިދާޅުވީ، އެމެރިކާގެ އިތުރުން ވިލާތުގެ 3 ބާރަކުން އެޅި ފިޔަވަޅުތަކާއި ނެރެފައިވާ ބަޔާންތަކަށް ބަލާއިރު، މިއީ އެ ގައުމުތަކާއެކު ނުރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް އީރާނަށް ނުފެންނަ ކަމަށެވެ.

ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު ސުލްހައިގެ (ނުރަސްމީ) މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައި ވަނީ ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރޭލް ކަމަށް މައުލޫމާތު ލިބެއެވެ.

ޖޮއިންޓް ކޮމްޕްރިހޭންސިވް ޕްލޭން އޮފް އެކްޝަންގެ ނަމުގައި 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ރޫހު ދިރުވާ އާލާ ކުރުމަށް ބޮރޭލްގެ ހުށަހެޅުއްވުމަށް އީރާނުން އިންކާރު ކުރުމުން ވައިޓްހައުސް އިން ވަނީ އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި މާނަ ހުރި ގޮތެއްގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ ތެރެއިން އެއްބަސްވުމުގެ މާއްދަތައް ރުޖޫއަ ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށްވެސް ވައިޓްހައުސް އިން ވަނީ ބުނެފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން