އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީއާއި އާސަނަލް ވާދަ ކުރި މެޗު 1-3 އަކުން އާސަނަލް ކާމިޔާބުކޮށްފިއެވެ.

މެޗުގެ 6 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ލެސްޓާ ސިޓީންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިލްމަންސެވެ

ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނު އިރު ދެން މެޗުގައި ލަނޑެއް ޖެހީ އާސަނަލުންނެވެ. މެޗުގެ 39 ވަނަ މިނެޓްގައި ވިލިއަން ނަގާ ދިން ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އާސަނަލްއަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޑޭވިޑް ލުއީޒެވެ. މިއީ، ވޭތުވެދިޔަ 16 މަސް ދުވަހުގެ ތެރޭގައި ލުއީޒް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

މިރޭގެ މެޗުގައި ލެސްޓާއިން ލަނޑު ޖަހަނީ/ ފޮޓޯ: އީޕީއެލް ޓުވިޓާ

ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސަނަލްއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލީޑު ލިބުނީ ލެސްޓާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ލެސްޓާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެން އާސަނަލްއަށް ލިބުނު ޕެނަލްޓީ އެލެގްޒެންޑާ ލަކަޒެޓް ކާމިޔާބުކުރުމާއި އެކުއެވެ.

މެޗުގެ ދެވަނަ ހާފްގައި އާސަނަލްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ޔަގީންކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ނިކޮލަސް ޕެޕޭއެވެ.

މިރޭގެ މެޗުން މޮޅުވެ އާސަނަލް ވަނީ ލީގު ތާވަލުގެ ނުވަ ވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު 26 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

އާސަނަލް އަތުން ބަލިވި ނަމަވެސް ލެސްޓާ އަދި ވެސް އޮތީ 49 ޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނައިގައެވެ.