ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ އެފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދޭ ހާއްސަ ހިދުމަތެއް ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި އެ ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުން ހުރި ޑޭޓާ ހޯދާ، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓާ ކުރެވޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ސިސްޓަމްގެ އެހީގައި ހާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީ ގެ ބެސްޓް ޕްރެކްޓިސް ތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބާ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ދިރާގު ސިއެމް އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކް އާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށާއި ނެޓްވޯކް އާއި ގުޅިފައިވާ ގުނަން ތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓާ ކުރެވޭނެ ކަމަށާއި އޮޑިޓް ތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތައް ވެސް އެ ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެ ކަމަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދު މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.