މ. މުލީ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމުގެ އިތުރުން މިނިސްޓްރީއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މުލީގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

މުލީގައި އެއާޕޯޓެއް ތަަރައްގީކުރުމުގެ މަޝްރޫއުއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހު ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކަާ، އެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި 1200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ހެދުން ހިމެނެއެވެ.

އޭގެ އިތުރުން ޓާމިނަލް ބިލްޑިން ހެދުމާއި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރުން މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.