ޖައްވީ ދިރާސާތަކާ ބެހޭ އިންޑިއާގެ އިދާރާ (އައިއެސްއާރްއޯ)ގެ ޕޯލާ ސެޓެލައިޓް ލޯންޗް ވިއެކަލް-ސީ51 އިން ކާމިޔާބު ކަމާއެކު 19 ސެޓެލައިޓެއް ދުނިޔޭގެ އޯބިޓަށް ފޮނުވާލައިފިއެވެ.

ސަތީޝް ދާވަން ސްޕޭސް ސެންޓަރުން، އިންޑިއާ ގަޑިން މިއަދު ހެނދުނު 10:24ގައި އުދުއްސާލި މި އުޅަނދުގައި، ބްރެޒީލްގެ އެމެޒޯނިއާ-1 ސެޓެލައިޓްވެސް ދުނިޔޭގެ އޯބިޓަށް ވަނީ ގެންގޮސްފައެވެ.

އައިއެސްއާރްއޯގެ ޗެއާމަން ކޭ ސިވާން ވިދާޅުވީ، ޕީއެސްއެލްވީ-ސީ51 ގެ ކާމިޔާބީއާ މެދު އިންތިހާއަށް އުފާ ކުރައްވާ ކަމަށާ، ސެޓެލައިޓްއާ ގުޅޭ ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ.

ޕީއެސްއެލްވީ-ސީ51 އަކީ އައިއެސްއާރްއޯގެ ވިޔަފާރި ގޮފި، ނިއުސްޕޭސް އިންޑިއާ ލިމިޓަޑް (އެންސިލް)ގެ މިޝަންއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން އުދުއްސާލި ބްރެޒީލްގެ ސެޓެލައިޓް، އެމެޒޯނިއާ-1 އަކީ ބަރުދަނުގައި 637 ކިލޯ ހުންނަ ސެޓެލައިޓެކެވެ. މިއީ ދުނިޔެއާ ގުޅޭ އެކި ދިރާސާތައް ކުރުމަށް އުދުއްސާލި ސެޓެލައިޓެކެވެ.

އައިއެސްއާރްއޯއިން ހަބަރު ދޭ ގޮތުގައި، ޕީއެސްއެލްވީގެ ކޮންމެ މަރުހަލާއަކީ ޕްރޮގްރާމްކޮށްގެން ކުރިއަށް ގެންދާ މަރުހަލާއެކެވެ.