އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ޖެހިޖެހިގެން 20 މެޗުން މޮޅުވެ ސީޒަންގެ ތައްޓާއި ގާތަށް ޖެހިލައިފިއެވެ.
ސިޓީ މިރޭ ވަނީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް 2-1 އަކުން ބަލިކޮށް ތާވަލުގައި އެންމެ ގާތުގައި އޮތް ޓީމާއި 13 ޕޮއިންޓް ދުރަށް ޖެހިލާފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ސިޓީންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި އެލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރުބެން ޑިޔެޒްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ހޭމްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑްގެ ބޯޅައަކުން މިކެލް އެންޓޯނިއޯއެވެ.
މެޗުގެ ހާފް ޓައިމް އައިރު 1-1 އަކުން ސްކޯ އޮތް ނަމަވެސް ދެވަނަ ހާފްގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާތައް އުފައްދާފައެވެ. އަދި މެޗުގެ 68 ވަނަ މިނެޓްގައި ޑިފެންޑަރު ޖޯން ސްޓޯންސް ޖެހި ލަނޑާއެކު ސިޓީއަށް ވަނީ 2-1 ގެ ލީޑެއް ލިބިފައެވެ.
މިރޭގެ މެޗުން މޮޅުވެ ސިޓީ މިވަނީ ކުޅުނު 26 މެޗުން 62 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ރަނގަޅަށް ވެސް ހަމަޖެހިލާފައެވެ.
ސީޒަންގައި ކުރީކޮޅު ހިތި ނަތީޖާތަކެއް ލިބުނު ސިޓީއާއި އެންމެ ގާތުން ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ސިޓީއާއި ދެމެދު 13 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. މާނައަކީ ޔުނައިޓެޑަށް ސިޓީއާއި ހަމަކުރެވޭނީ ލީގުގައި ބާކީ އޮތް 12 މެޗުގެ ތެރެއިން މަދުވެގެން ތިން މެޗުން ސިޓީ ބަލިވެގެންނެވެ.
މިރޭގެ މެޗުން ބަލިވި ވެސްޓް ހޭމް އަދި ވެސް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެޓީމާއި އެންމެ ގާތުން ފަސްވަނައިގައި އޮތް ޗެލްސީއާ ވެސްޓް ހޭމްއާއި ދެމެދު ދެ ޕޮއިންޓް ފަރަގެއް އޮތް އިރު އެންމެ ފަހުގެ ޗެމްޕިއަން އަދި ލިވަޕޫލާއި ވެސްޓް ހޭމްއާއި ދެމެދު ފަސް ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.