ޕީޕީއެމް އަދި ޕީއެންސީގެ މުޒާހަރާ ތެރެއިން މީހެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ އެމީހާގެ ބޯފަޅައިގެން ދިޔައީ މުޒާހަރާ ކޮންޓްރޯލު ކުރަމުން ދިޔަ ފުލުހުންގެ ސަފު ފޫއަޅުވާލައި، މުޒާހަރާ ކުރާ ސަރަހައްދުގައި ހުރި ކެފޭއެއްގެ ތެރެއަށް ވަން ބައެއްގެ ގައިގައި އެމީހާ ޖެހި ވެއްޓުމުގެ ސަބަބުން ކަމަށެވެ.

އެމީހާ މިހާރު ފުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު މުޒާހަރާ ކުރަމުން ދަނީ "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައެވެ.

މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެފައި ވާއިރު، އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

ނަމަވެސް ފުލުހުންނާއި ސަރުކާރުން ވެސް ވަނީ މިހާލަތުގައި އެއްވުންތައް ބޭއްވުމަށް ޖާގަ ނުދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލު ބަހައްޓާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.