އިންސާނީ ހައްގުތަކާއި ގާނޫނުން ވެރިކަން ހިންގުމަކީ އެމެރިކާއިން އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ސައުދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނަށް ދަންނަވައިފިއެވެ.

މިފަދަ ރޫހެއްގައި ބައިޑަން، ސަލްމާން ރަސްގެފާނާ ވާހަކަފުޅުދައްކަވާފައި މިވަނީ، ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީގެ މަރުގެ މައްސަލާގައި އެމެރިކާއިން އެކުލަވާލާފައިވާ ޖާސޫސީ އާ ރިޕޯޓް ވިދާޅުވުމަށް ފަހުގައި ކަމަށް ހަބަރު ލިބެއެވެ.

މި ރިޕޯޓްގެ ކޮޕީއެއް އަދި މީޑިއާއަށް ތިލަވެފައި ނުވި ނަމަވެސް، މިއީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު، މުހައްމަދު ބިން ސަލްމާންއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރަނިވި ރިޕޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީއާއި ގާތް ގުޅުންތަކެއް ދެމެހެއްޓެވި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މި ރިޕޯޓް އާންމު ކުރުމަށް ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ. ނަމަވެސް ރިޕޯޓް އާންމު ކުރުމަކީ ބައިޑަން ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) އަދި ސައުދީގެ ސަލްމާން ރަސްގެފާނު / ފައިލް ފޮޓޯ: އޭޕީ

ސަލްމާން ރަސްގެފާނާ ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަފުޅާ ގުޅިގެން ވައިޓްހައުސް އިން އާންމު ކުރި ބަޔާނުގައި، ހަޝޯގީގެ ނަން ކަނޑައެޅިގެން ފާހަގަ ކޮށްފައެއް ނުވެއެވެ.

އޮފީސް އޮފް ދަ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އިން ތައްޔާރު ކޮށްފައިވާ "ވަރުގަދަ" ޖާސޫސީ ރިޕޯޓަކީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ހަޝޯގީ މަރާލުމުގައި، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ދައުރު އޮތް ކަމަށް ބުނާ ރިޕޯޓެއް ކަމަށް ހަބަރު ލިބެއެވެ.

އެމްބީއެސްގެ އިތުރުން ސައުދީގެ ސަރުކާރުންވެސް ވަނީ، މިކަމުގައި އެމްބީއެސްގެ ދައުރެއް އޮތް ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާންޗއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުން ދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާ ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ.

އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަޝޯގީގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 59 އަހަރުގެ ހަޝޯގީ ކޮންސިއުލޭޓް ތެރޭގައި މަރާލުމަށް ފަހު، ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށް، އެތަނުން ނެރެ، އެހެން ތަނެއްގައި ނައްތާލީއެވެ.

ހަޝޯގީ މަރާލުމުގެ ކުރިން އޭނާ ލިޔުނު އެންމެ ފަހު ކޮލަމްގައިވެސް އެމްބީއެސް އަށް ބޮޑެތި ފާޑުކިއުން ތަކެއް އަމާޒު ކޮށްފައި ވެއެވެ.