ކޮވިޑުން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަންހުރި ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ ސަލާމަތީ މަޖިލީހުގައި ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމާ މޫސުމީ ބަދަލުތަކާ ހުރި ގުޅުންތަކާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް މޫސުމީ ބަދަލުތަކުން ދިމާވާނެ ބޮޑެތި ގެއްލުންތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް ދިމާވި ކޮވިޑް19އިން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަންހުރި ކަންކަމަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގެ މުހިންމުކަން މިނިސްޓަރުވަނީ ފާހަގަކުރެއްވިއެވެ. އަދި 2030ގެ ކުރިން ދިވެހިރާއްޖެ ނެޓް-ޒީރޯ އެމިޝަންއަށް ވާސިލުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދު ވެވަޑައިގެންފައި ވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމަށް ހުރި ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ މަސައްކަތުގައި އދގެ ސަލާމަތީ މަޖިލީހުގެ ދައުރުގެ މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން، ހައްސަކޮށް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުށް މިނިސްޓަރު ޝާހިދުވަނީ ގޮވާލައްވާފައެވެ.
ސަލާމަތީ މަޖިލީހުގެ ފެބްރުއަރީ މަހުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން މި ބައްދަލުވުން އިންތިޒާމްކުރީ އިނގިރޭސިވިލާތުންނެވެ. އަދި ބައްދަލުުވުމުގެ ރިޔާސަތުގައި އިންނެވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންއެވެ.