އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް ގްރޭންޑް ވިއު ރެސްޓޯރަންޓްގައި އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއެއް ހުއްޓުވާ، އެ ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ ގްރޭންޑް ވިއު ރެސްޓޯރަންޓްގައި އެޗްޕީއޭގެ ގައިޑްލައިން ތަކާ ހިލާފަށް ބާއްވަމުން ދިޔަ އުފަން ދުވަހުގެ ޕާޓީއެއް ހުއްޓުވާފައިވާ ކަމަށާއި އަދި އެ ރެސްޓޯރަންޓް 5000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ގްރޭންޑް ވިއު ރެސްޓޯރަންޓުގެ އިތުރުން ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވާ، އެކެފޭ ވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

ސޯލްޓް ކެފޭ ޖޫރިމަނާ ކުރީ 5000 ރުފިޔާއިންނެވެ. އަދި އެކެފޭ ޖޫރިމަނާ ކުރީ ކުރިން އެޕާޓީ ކުރިއަށް ގެންދާކަން އެނގިގެން ފުލުހުން ގޮސް ޕާޓީ ހުއްޓާލުމަށް އެންގުމުން އެގޮތަށް އަމަލު ނުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން، ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެއުސޫލުގައި ވެއެވެ. އަދި އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކޮވިޑް ކޭސްތައް ދުވަހުން ދުވަހަށް އިތުރުވުމާ ގުޅިގެން ކައިވެނީގެ ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށް، ހަރުކަށި ފިޔަވަޅު އަޅާފައެވެ.

ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓުވުމުގެ އިތުރުން މާލޭ ސިޓީގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާން ކޮށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތަކީ އިރުއޮއްސި 6 އިން ހެނދުނު 6 އަކާ ދެމެދު ކަން އަންގާ އިއުލާން ކޮށްފައި ވެއެވެ.