ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި މިދިޔަ އަހަރު ހެލްތް މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި އަދިވެސް މި މައްސަލައިގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ޕީޖީ އޮފީހުން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އެ މުއައްސަސާތަކުން އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އެ މައްސަލައިގަ ފަހުން ލިބުނު މައުލޫމާތުތައް. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން އެބަހުރި ބައިވަރު އިތުރު މައުލޫމާތުތައް ލިބިފައި،"
ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ، އެ މައުލޫމާތުތައް ބޭނުންވާ މިންވަރަށް ގުޅުވައި ލެވޭނީ ކޮން މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ކޮމިޓީއެއްގައި އެއިން އެއްވެސް މައުލޫމާތެއްގެ ތަފްސީލު ހާމަ ކުރައްވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެއީ އެ މައްސަަލއިގައި ބައިވަރު މީހުން ހިމެނޭތީ ކަމަށާއި އަދި އެމީހުންނަށް މި މައްސަލައިގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ލިބުމުން އެހެން ގޮތަކަށް އެމީހުންގެ މަސައްކަތް ބައްޓަން ކުރުމުގެ ފުރުުސަތު އޮތް ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންކަމުން މި ހަފުތާގެ ތެރޭގައި ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު އޭގެ ތަފްސީލުތައް މަޖިލީހާ ހިއްސާ ކުރަން ވިސްނާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް މިއަދު ޝަމީމް ވިދާޅުވި އިރު މީގެ ކުރިން ޕީޖީން ބުނެފައި ވަނީ އެ މައްސަލައިގައި ބޭނުންވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޕީޖީއަށް އަންގާފައެވެ.

މި މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައިވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރު ކަމަށް ބުނެފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލަ ފެންމަތިވެ އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.