ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ޖީއެމްޓީގަޑިން ފަތިހު 03:19 އާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 511133 އަށް އަރާފައެވެ. މިއީ ކޮވިޑް-19ގެ މަރުގެ ކޭސްތަކުގެ ރެކޯޑްތަކަށް ބަލާއިރު، ގައުމަކުން ބައި މިލިއަންގެ ފާހަގަ ހުރަސް ކުރި ފުރަތަމަ ފަހަރެވެ.
މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކޮށްފައި ވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާގެ ފަހަތުން ދެން ހިމެނެނީ، ބްރެޒީލް (246560)، މެކްސިކޯ (179797)، އިންޑިއާ (156418)، އަދި އިނގިރޭސިވިލާތް (120580) އެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައްވެސް އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާއިން މިހާތަނަށް 28765423 ކޭސް ފެނިފައި ވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 9281100 ކޭސް ވަނީ ފާހަގަ ކޮށްފައެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 16953 ކޭހަކީ ކްރިޓިކަލް/ސީރިއަސް ޕޭޝަންޓުން ކަމަށް ރެކޯޑްތަކުން ދައްކައެވެ.
މިދަނޑިވަޅަކީ އެމެރިކާގައިވެސް ކޮވިޑް-19ގެ ވެކްސިން ކެމްޕޭން ކުރިއަށް ގެންދާ ދަނޑިވަޅެކެވެ. ބްލޫމްބާގުގެ ރެކޯޑްތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް 63.1 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ޖަހާފައެވެ. އެމެރިކާއިން ދަނީ ދުވާލެއްގެ މައްޗަށް، އެވަރޭޖުކޮށް، 1.33 މިލިއަން ޑޯޒްގެ ވެކްސިން ޖަހަމުންނެވެ.