ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުލަތުގެ ހެކިން މިއަދު ވެސް ހާޒިރު ނުކުރެވޭތީ އަޑުއެހުން ފަސްކޮށްފިއެވެ.

ހުސްވި ހަފްތާގައިވެސް އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވިގެން ވަނީ ކެންސަލް ކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭއްވި އަޑުއެހުމަކީ ދައުލަތުން އެ މައްސަލާގައި ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނަގަން ތާވަލް ކުރި އަޑުއެހުމެއް ނަމަވެސް ދައުލަތުން ހެކިން ހާޒިރު ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށް އަންނަ ބުދަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވަން ތާވަލް ކޮށްފައި ވާ ކަމަށެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާ ބޭއްވި އަޑުއެހުން ވެސް ކެންސަލް ކުރީ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީއެވެ. ނަދީމް މަރުވީ އޭނާއަށް ދިން ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

އޭނާގެ މަރާ ގުޅިގެން، އެ ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އޭނާގެ މައްސަލަ ބެލީ ޖުވެނައިލް ކޯޓުގައެވެ.

އޭނާގެ މައްސަލަ ކުރިން ޖުވެނައިލް ކޯޓުން ބާތިލު ކުރި ނަމަވެސް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމް ކޮށްފައި ވާތީ އެ މައްސަލަ ޖުވެނައިލް ކޯޓުގައި ދެވަނަ ފަހަރަށް ބަލަން ވަނީ ފަށައިފަ އެވެ. އަދި ޖެނުއަރީ 5 ގައި އެ މައްސަލައިގެ ޝަރީއަތް ނިމެން ދެން އޭނާ ބަންދުވެސް ކުރިއެވެ. ނަމަވެސް، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރުތުތަކާއެކު އޭނާ އަނެއްކާވެސް ބަންދުން ދޫކޮށްލަން ޖުވެނައިލް ކޯޓުން ވަނީ ނިންމާފައެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.