އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އަނެއްކާވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވާން ފެށުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ މަހާރާޝްތުރާ ސްޓޭޓްގައެވެ. އެ ސްޓޭޓްގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ އެ ސްޓޭޓްގެ އެކި ހިސާބުތަކުގައި، ވަކިން ހާއްސަކޮށް މުމްބާއީ ސިޓީގައި ކޭސް އިތުރު ވަމުން ދާތީ ކަމަށް ލޯކަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއެވެ.

މުމްބާއީގެ ސަރަހައްދީ އޮފިޝަލުން މިހާރު ދަނީ، ހޯމް ކަރަންޓީނުގައި ތިބެން ޖެހޭ މީހުންގެ އަތުގައި ހާއްސަ ތައްގަނޑެއް ޖަހަމުންނެވެ. މީގެ އިތުރުން އާންމު އެއްވުންތައް މަނާ ކޮށްފައި ވާއިރު، މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

ލޯކަލް ގަވަމަންޓްއިން ވަނީ، އާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މުމްބާއީއިން ވަނީ، ބްރެޒީލްއިން އެ ސިޓީއަށް ދަތުރު ކުރާ ހުރިހާ އެންމެން (7 ދުވަސް ވަންދެން) ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ވާންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، މަހާރާޝްތުރާ ސްޓޭޓްއިން ވަނީ 5400 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭހާއި 38 މަރުގެ ކޭސް ރެކޯޑް ކޮށްފައެވެ.