ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް ދޭ ވެކްސިން މަޝްރޫއަކީ ހުރިހާ ގޮތަކުންވެސް ކޮރަޕްޝަނުން ސަލާމަތް ވެފައި ވާ މަޝްރޫއަކަށް ހަދަން ޖެހޭ ކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮކްޒީރު ވިދާޅުވެއްޖެއެވެ.

އދ-އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ އަހަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން އދގެ 75 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޮކްޒީރު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާއެކު ކޮރަޕްޝަނަށް މަގު ތަނަވަސް ކުރުމުގެ ނުރައްކަލުގެ ވާހަކަ ވަކިން މަޑު ނުވާނެ ކަމަށެވެ.

ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އައިޕީޔޫއިން މިއަހަރު އެންމެ ހާއްސަ ސަމާލުކަމެއް ދޭ އެއް ކަމަކީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުން ކަމަށެވެ. އަދި ކޮވިޑް-19އާއެކު ކޮރަޕްޝަން ފެތުރިގެން ދާ ކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް ގައުމުތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، ނަޒާހާތްތެރި ކަމާއެކު މި ބަލިމަޑުކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

މީހަކު ޑޮލަރު ތަކެއްގައި ހިފައިގެން

އަދުގެ މުޖުތަމައުތައް މުޑުދާރު ކުރި ކޮރަޕްޝަންގެ އަސަރުތަކަކީ ގެއްލުން ދެނިވި އަސަރުތަކެއް ކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކުލަވާ ފަންޑުތަކާއި، ވެކްސިނާ ގުޅުން ހުރި މިފަދަ ކަންކަން އެންމެ ގާތުން ވިލަރެސް ކުރެވޭނެ ބާރަކީ، ގާނޫނު ހަދާ މަޖިލީސް ކަންވެސް ބޮކްޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ބޮކްޒީރު ވަނީ، ހަށި ރައްކަލަށް ބޭނުން ކުރާ އާލާތްތައް ހޯދުމާއި، ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ އިކުއިޕްމަންޓްތައް ހޯދުމުގައި މިހާރުވެސް ކޮރަޕްޝަން ހިންގާފައި ވާ ކަމަށާ، ނަތީޖާއެއްގެ ގޮތުން، މި ތަކެތީގެ ސަޕްލައި އިންތިހާއަށް ދަތިވެފައި ވާ ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިތުރު ފުރާނަ ތަކެއް ގެއްލިދިއުމުގެ އަސްލަކަށްވެސް ކޮރަޕްޝަން ވެފައި ވާ ކަން ބޮޒްކީރު ވަނީ އިޝާރާތް ކުރައްވާފައެވެ.

ބޮކްޒީރު ވަނީ އދގެ އާންމު މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ކޮރަޕްޝަނާ ދެކޮޅަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދަވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. މި ސެޝަން ކުރިއަށް ދާނީ ޖޫން 2021 ގައި ކަމަށް ހަބަރު ލިބެއެވެ.