ވެންޓިލޭޓަރު ގަންނަން ދިވެހި ސަރުކާރާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެދި އެއްބަސްވުން ބާތިލު ކޮށްފިއެވެ.
މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު އޭޕްރިލް 2، 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ވާނެ ކަމުގައި ބަޔާންކޮށްފައި ވާ ކަމަށެވެ.
ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައި ކަމަށެވެ.
އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައި ނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭން ވާނެ ކަމަށާއި އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެއްބަސްވުމުގައި ވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއެވެ. އަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށް ވާތީ، ދިވެހިރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ "އިންޓަނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެކެވެ. ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންނެވެ. އެ މުޢާހަދާގައި 168 ގައުމަކުން ބައިވެރިވެފައި ވެއެވެ. އެއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެންބަރު ގައުމެއްގައި ތަންފީޒު ކުރެވެއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.