ވެންޓިލޭތަރު މައްސަލަ އަނެއްކާވެސް ބަލަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މިހެން ޕީޖީން ބުނީ، ދާދި ދެންމެއަކު އެ އޮފީހުން މި ކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، މި މައްސަލައިގައި ޕީޖީން ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަނުޖެހޭތީ އާއި މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށް ވާތީ، މި މައްސަލައިގައި ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން މުރާޖާ ކުރާ އިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައް ވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތް ނަމަ، އެކަމެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށް ވެސް ގަސްދު ކުރާ ކަަމަށް ޕީޖީން ބުނެއެވެ.

ގާނޫނީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަން ޖެހެނީ ދެ ކަމަކަށް ކަމަށް ޕީޖީން ބުނެއެވެ. ފުރަތަމަ ކަމަކީ އެމައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯ އާއި ދެވަނަ ކަމަކީ އާންމު މަސްލަހަތު އޮތް މިންވަރު ކަމަށް ޕީޖީން ބުނެއެވެ.

"މިހާރު އަމަލު ކުރަމުންދާ ގާނޫނީ ނިޒާމުގައި، ދައުވާ ކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ. ދައުވާގެ ކޮންމެ އިބާރާތެއް، ހެއްކާއެކު ސާބިތުކޮށްދޭންޖެހޭ. އެކަމުގައި މިއޮފީހުން ބަރޯސާ ވަނީ، މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށް. އެއީ ، ޝަރުއި ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯ."
ޕީޖީ

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާންމު މަސްލަހަތު އޮތްކަމާ މެދު ޝައްކެއް ނެތް ނަމަވެސް، މި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު އޮތީ ސުވާލު އުފެދިފައި ކަމަށް ޕީޖީން ބުނެއެވެ.

މީގެ އިތުރުން ޕީޖީން ބުނެފައި ވަނީ، އެސީސީން މި މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީއަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތް ކަމަށް ބުނެފައި ވާ ކަމަށެވެ. ނަމަވެސް، އެ ކޮމިޝަނުން މި އޮފީހަށް ފޮނުއްވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަކަށް އެ އޮފީހުގެ ރެކޯޑުތަކަކުން ނުދައްކާ ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީން މިއަދު މިކަމާ ގުޅިގެން ނޫސް ބަޔާނެއް ނެރެފައި ވާއިރު މިއަދު މަޖިލީހަށް ވަނީ މި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހާޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން މި ހާރު މަޖިލީހުގައި ދަނީ ބަހުސް ކުރަމުންނެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ފުރަތަމަ ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް އަނެއްކާ ވެސް ޕީޖީން ވަނީ އެ މައްސަލައިގެ ޕީޖީގެ ކުރީގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

މިަކާ ގުޅީގެން އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހާޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާރު މަޖިލީހުގައި ދަނީ ބަހުސް ކުރަމުންނެވެ. އަދި މި ކަމުގައި މި ސަރުކާރަށް ވައްކަމުގެ ލޭބަލް ކޮށް މަޖިލީހުގައި ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.