ކޮވިޑް-19 ގެ ހަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ މިއަދު ކަމަށެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިމިވަނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަން ތިބޭތާ އެތައް މަހެއްވީ ފަހުންނެވެ.

އެ މައްސަލާގައި މީގެ ކުރިން ނިޝާމާ ވިދާޅުވެފައި ވަނީ ވެންޓިލޭޓާ ގަތުމުގައި އަމަލުކޮށްފައިވާގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވަކި ބަޔަކު ބަދުނާމުވާ ފަދަ ވާހަކަ ތަކެއް ދައްކާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓާ ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކުރައްވައިފައި ނުވާ ކަމަށް ނިޝާމާ ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

ފޮނުވާފައި ވަނީ 11 ފަރާތަކީ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެންބަރު ފާތުމަތު ލިމްޔާގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުގައްމަދާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާ، އަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދިމިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.