ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިނަށް، ސައުދީ އަރަބިއްޔާއިން ރުހުން ދީފިއެވެ.

ސައުދީ އަރަބިއްޔާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހަވާލާދީ އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ވެކްސިނާ ގުޅިގެން ލިބިފައިވާ ތަފާސް ހިސާބުތަކަށް ރިއާޔަތް ކޮށް، ސައެންސްގެ އެންމެ އިތުބާރު ހިފޭ އުސޫލުތަކަށް ބަލައިގެން ހޯދި ހޯދުންތަކުން، ކޮވިޑް-19އާ ދެކޮޅަށް އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން ބޭނުން ކުރެވިދާނެ ކަމަށެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، އެ ގައުމަށް ގެންނަ ކޮވިޑް ވެކްސިންގެ ކޮންމެ ޝިޕްމަންޓަކީ އެނަލައިޒް ކުރެވޭނެ ޝިޕްމަންޓެއް ކަމަށެވެ.

ސައުދީއިން ވަނީ ކޮވިޑް ވެކްސިން ދިނުމުގެ 2 ވަނަ މަރުހަލާ، މި ހަފުތާގައި ފަށާނެ ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް އާ ވެކްސިން ލިބުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށާ، މިއީ ސައުދީގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، ތައުފީގު އަލް-ރާބިއާ ވަނީ ވިދާޅުވެފައެވެ.

ސައުދީއަކީ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމެކެވެ.