ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ އެކި ބްރޭންޑްތަކުގެ ވެކްސިންތަކުގެ ތެރެއިން، 2 ޑޯޒް ފުރިހަމަ ކުރުމަށް، 2 ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރުމުން، ބައްޔާ ދެކޮޅަށް ރަނގަޅު ރައްކާތެރިކަމެއް ލިއްބައިދޭ ކަމަށް، އިނގިރޭސިވިލާތުގައި ކުރި ދިރާސާތަކުން ދައްކައިފިއެވެ.

މި ކޮމް-ކޮވް ޓްރަޔަލް ކުރިއަށް ގެންދިޔައީ، ފައިޒާ ގެ ޑޯޒްތޯ ނުވަތަ އަސްޓްރާޒެނީކާގެ 2 ޑޯޒް ނުވަތަ އެއް ބްރޭންޑަށް ފަހު އަނެއް ބްރޭންޑް ބޭނުން ކުރުންތޯ ރަނގަޅީ ބަލާ އުސޫލުންނެވެ.

އެސްޓްރާޒެނެކާ ކޮވިޑް ވެކްސިންގެ ވެއިލް އެއް

މިއިން ކޮންމެ ގޮތަކުންވެސް ރަނގަޅު ނަތީޖާއެއް ލިބި، ދިފާއީ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ކުރުވާ ކަމަށް ދިރާސާގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ހޯދުންތަކަކީ، ވެކްސިން ކެމްޕޭންތައް ހިންގުމުގައި މިހާރަށް ވުރެ "ފްލެކްސިބަލް" ކަން ގެންގުޅުމަށް ފުރުސަތު ތަނަވަސް ކުރުވަނިވި ކަމަކަށް ވާނެއެވެ.

ދިރާސާގެ އިތުރު ހޯދުމަކަށް ބަލާއިރު، އަސްޓްރާޒެނީކާގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންވެސް، މި އަހަރުގެ ހަރީފު މޫސުން އަންނައިރު، އެހެން ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރުމުންވެސް، ދިފާއީ އިޖާބަ ވަރުގަދަ ކުރުވައެވެ.

ޗައިނާގެ ސީނޯފާމް ގުރޫޕުން ތަރައްގީ ކުރި ކޮވިޑްވެކްސިން / ފޮޓޯ: ސީޖީޓީއެން

ސިއްހީ ގޮތުން ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިހާރުވެސް ދަނީ، 2 ބްރޭންޑްގެ ވެކްސިން އެކަކަށް ދިނުމުގެ އުސޫލު ތަންފީޒު ކުރަމުންނެވެ. އެގޮތުން ސްޕެއިން އަދި ޖަރުމަނުވިލާތުން ދަނީ، ފުރަތަމަ ޑޯޒްގެ ގޮތުގައި އަސްޓްރާޒެނީކާގެ ވެކްސިން ޖަހާފައިވާ ޒުވާނުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ނުވަތަ މޮޑާނާގެ (އެމްއާރްއެންއޭ) ވެކްސިން ޖަހަމުންނެވެ.

ސައުދީ އަރަބިއްޔާއިންވެސް ވަނީ އެކަކަށް 2 ބްރޭންޑެއްގެ ވެކްސިން ބޭނުންކޮށްގެން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރެވިދާނެ ކަމަށް ކަނޑައަޅާފައެވެ.

ފައިޒާ ވެކްސިން ޖަހަން ސިރިންޖު ތައްޔާރު ކުރަނީ / ފައިލް ފޮޓޯ: އޭއެފްޕީ | ގެޓީއިމޭޖަޒް

އަސްޓްރާޒެނީކާގެ ވެކްސިނަށް ފަހު ފައިޒާ ވެކްސިން ޖެހުމުން އެންޓިބޮޑީޒްއާއި ޓީސެލް އިޖާބަ އިންތިހާއަށް ވަރުގަދަ ވީ ނަމަވެސް، އެއް ބްރޭންޑްގެ ވެކްސިނުން 2 ޑޯޒް ފުރިހަމަ ކުރުމަށް އޮތް އުސޫލަށް ބަދަލު ގެނައުމަށް އަދި ވިސްނާފައި ނުވާ ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ވެކްސިން ސަޕްލައިއަށް ބޮޑެތި ލޮޅުންތަކެއް އަރާފައި ވާ ދަނޑިވަޅެކެވެ. ވަކިން ހާއްސަކޮށް މެދު ފަންތީގެ ގައުމުތަކާ، ފަގީރު ގައުމުތަކަށް މި މައްސަލަ ވަކީން ބޮޑެވެ. ދުނިޔޭގެ ބޭސް ފިހާރައިގެ ގޮތުގައި ސިފަކުރަމުން އައި އިންޑިއާއަށް، ކޮވިޑްގެ ތޫފާނަކާ ކުރިމަތިވެ، އެ ގައުމުން ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ދިޔަ ކޮވިޑް ވެކްސިން ކެމްޕޭނަށް ވަނީ ބުރޫ އަރާފައެވެ.