ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނު (އެސްޓީއޯ) އިން ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެސްޓްރަޒެނިކާގެ އުފެއްދުންތައް އެ ކުންފުނިން ފޯރުކޮށްދެމުން ދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާގެ ގޮތުގައި ކަމަށެވެ. އަދި މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ހަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާންމުކޮށް ބޭނުން ކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެންދާނެ ކަމަށެވެ.
އެ ކުންފުނިން އަބަދުވެސް ކަށަވަރުކުރާ އެއްކަމަކީ ރާއްޖެ އެތެރެކުރެވޭ ބޭސް ތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުން ކަމަށާއި އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބުމުން އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓްރަޒެނީކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށްވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެ ބޭސްތަކުގެ ތެރޭގައި ކެންސަރު ބަލި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ހާއްސަ ބޭސްތައް ހިމެނޭއެވެ.
އެސްޓްރަޒެނިކާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަ ދައްކަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއްކަމަށާއި މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއްލިބިގެން ދާނެ ކަމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން އިތުރަށް ބުނީ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އެގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިހުތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.