ވިލާތުގެ އިއްތިހާދުން އެކުލަވާލި ވާޗުއަލް ވެކްސިން ޕާސްޕޯޓް ލިސްޓުގައި، އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްމުން އަންނަ ކޮވިޝީލްޑް ކޮވިޑް ވެކްސިން ހިމަނާފައި ނުވާތީ، ވިލާތުގެ ބޭސްވެރިކަމާ ބެހޭ ރެގިއުލޭޓަރީ އިދާރާ ނުވަތަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އަށް އިންޑިއާއިން އެ ޝަކުވާ ހުށަހަޅައިފިއެވެ.

ކޮވިޝީލްޑްއަކީ، ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޑް ވެކްސިނެވެ.

ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމުތަކުގައި ބޭނުންކުރާ ބޭސްފަރުވާ އެކި އުފެއްދުންތަކަށް ހުއްދަ ދިނުމުގެ ޒިންމާ އަދާ ކުރަމުން އަންނަ އީއެމްއިން ކޮވިޝީލްޑަށް ވާޗުއަލް ޕާސްޕޯޓުން ނުވަތަ "ގްރީން ޕާސް" އިން ފުރުސަތު ދީފައި ނުވާ މައްސަލަ، އިންޑިއާއިން އުފުލީ، ފަރަންސޭސިވިލާތުގެ ސަރުކާރުގައި ކަމަށްވެސް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކުރިއަށް އޮތް ޖުލައި 1 ވަނަ ދުވަހު ތަންފީޒު ކުރަން ފަށާ "ގްރީން ޕާސް" އަކީ، އެ ހުއްދަ ދޫކޮށްފައިވާ ލިސްޓުގައި ހިމެނޭ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް، ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމުތަކުގެ މެދުގައި، އެއްވެސް ހުރަހަކާ ނުލާ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ބޭނުމަށް، ދަތުރުފަތުރުކޮށް އުޅުމަށް ފުރުސަތު ދޭ ފާހެކެވެ.

މި ލިސްޓުގައި މިހާތަނަށް ހިމަނާފައި ވަނީ 4 ބްރޭންޑެއްގެ ވެކްސިނެވެ. އެއީ އޮކްސްފޯޑް އަދި އަސްޓްރާޒެނީކާގެ ފޯމިއުލާއަށް އުފައްދާފައިވާ ވެކްސްޒެވްރިއާ، ފައިޒާ އަދި ބައޮއެންޓެކްގެ ފޯމިއުލާއަށް އުފައްދާފައިވާ ކޮމިއާނާޓީ އަދި މޮޑާނާގެ ފޯމިއުލާއަށް އުފައްދާފައިވާ ސްޕައިކްވެކްސްއާއި ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ފޯމިއުލާއަށް އުފައްދާފައިވާ ޖާންސެން ކޮވިޑް ވެކްސިނެވެ.

އޮކްސްފޯޑް އަދި އަސްޓްރާޒެނީކާގެ ފޯމިއުލާއަށް ވެކްސްޒެވްރިއާ ކޮވިޑް ވެކްސިން އުފައްދަނީ އިނގިރޭސިވިލާތުގައެވެ. މީގެ އިތުރުން، ވިލާތުގެ ބައެއް އެހެން ސަރަހައްދުތަކުގައި އުފައްދާ މި ވެކްސިނަށް "ގްރީން ޕާސް" ލިބެއެވެ.