ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އިންޑިއާގައި ސިނާއީ ފެންވަރުގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހާފައި ވާ ފަރާތްތަކަށް، ވިލާތުގެ އިއްތިހާދު (އީޔޫ) އިން ދޭ "ފޭހި ޕާސްޕޯޓް"ގެ ދަށުން މިނިވަން ކަމާއެކު ދަތުރު ނުކުރެވޭ މައްސަލާގައި، ބަދަލަށް ބަދަލު ހިފަން އިންޑިއާ ތެދުވެއްޖެއެވެ.

ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ވިލާތުގެ ފެހި ޕާސްޕޯޓް ސްކީމްގައި ކޮވިޝީލްޑް ހިމެނުމަށް އެ އިއްތިހާދުން އިންކާރު ކުރަމުން ދާނަމަ، އިންޑިއާއަށް ދަތުރު ކުރުމުގައި، ވިލާތުގެ ވެކްސިންތައް ބަލައި ނުގަންނާނެ ކަމަށް އިންޑިއާއިން ވަނީ އިންޒާރު ކޮށްފައެވެ.

އިންޑިއާ ހާރިޖިއްޔާގެ މަސްދަރަކުން ހާމަ ކުރި ގޮތުގައި، އެ ގައުމުގެ ސަރުކާރުން މިހާރު ދަނީ، ކޮވިޝީލްޑްގެ އިތުރުން، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކޮވެކްސިން ބަލައިގަތުމަށްވެސް ވިލާތުގެ ގައުމުތަކުގައި ވަކިވަކީން އެދެމުންނެވެ.

ވިލާތުގެ ފެހި ޕާސްޕޯޓް ސްކީމަކީ، އެ އިއްތިހާދުން ބަލައިގެންފައިވާ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް، ވިލާތުގެ ގައުމުތަކުގެ މެދުގައި ފަސޭހަ ކަމާއެކު، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ބޭނުމަށް، ދަތުރުކޮށް އުޅުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ.

ކޮވިޝީލްޑަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރާ ވެކްސިނެކެވެ. މި ވެކްސިނަކީ އަސްޓްރާޒެނީކާ/އޮކްސްފޯޑްގެ ފޯމިއުލާއަށް ތަރައްގީ ކުރި ވެކްސިނަކަށް ވީ ނަމަވެސް، ފެހި ޕާސްޕޯޓް ސްކީމުން ޖާގަ ދިނުމަށް ވިލާތުން އަދިވެސް ނިންމާފައެއް ނުވެއެވެ. ނަމަވެސް، އަސްޓްރާޒެނިކާގެ ފޯމިއުލާގެ އިތުރު ވެކްސިނެއް އެ ސްކީމްގައި ވަނީ ހިމަނާފައެވެ.

ސީރަމް އިންސްޓިޓިއުޓްއިން މިހާރުވެސް ވަނީ، ވިލާތުގައި ކުއްލި ހާލަތުގައި ކޮވިޝީލްޑް ބޭނުން ކުރުމުގެ ހުއްދައަކަށް އެދިފައެވެ.