ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުންގެ ގަބުރު އެންދުމަށް ލަންކާއިން ގެންގުޅޭ އުސޫލަށް ބަދަލު ގެނައުމަށް އެ ގައުމުގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަން ފާހަގަ ކުރައްވާ، އެމެރިކާއިން ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕުލިޓްޒް، ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި ސަފީރު ވިދާޅުވީ، މަޖުބޫރުން ގަބުރު އަންދައިގެން ހަށިގަނޑު ނައްތާލުމަށް އޮތް އޮތުމަށް ބަދަލު ގެނައުމަށް ސްރީލަންކާގެ ސަރުކާރާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ ފަސްޖެހިވަޑައިގެންނެވި ކަމާ މެދު އިންތިހާއަށް ހިތާމަ ކުރައްވާ ކަމަށެވެ.
މި މޭރުމުން ޓްވީޓް ކުރިއަށް ގެންދަވަމުން ސަފީރު ވިދާޅުވީ، ކޮންމެ މީހަކީވެސް، ޑިމޮކްރަޓިކް ސަރުކާރަކުން، ހައްގާއި އިހުތިރާމް ލިބެންޖެހޭނެ މީހެއް ކަމަށާ، މީގެ ތެރޭގައި، ދާދިފަހުން މި ދުނިޔެ ދޫކުރި މީހުންގެ އާއިލާތައްވެސް ހިމެނޭ ކަމަށެވެ.
ސަފީރު މިފަދަ ރޫހެއްގައި ޓްވީޓް ކުރައްވާފައި މިވަނީ، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު އަންދައިގެން ނައްތާލުން ނޫން ގޮތެއް ނެތް ކަމަށް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އިޝާރާތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ހޫނުވެފައި ވަނިކޮށް، ދާދި ފަހުން، ބޮޑުވަޒީރު ރާޖަޕަކްސަ ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދިނުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، އެ ރާގު ވަނީ ބަދަލުވެފައެވެ. އަދި އެކަމުގައި ގޮތް ނިންމާނީ، ކަމާ ބެހޭ ހާއްސަ ކޮމިޓީއިން ކަމަށް، ދާއިރާގެ އިސް އޮފިޝަލުން ވަނީ ވިދާޅުވާން ފަށާފައެވެ.
ސްރީލަންކާއަކީ މުސްލިމުންނާ ދެކޮޅު ހަރަކާތްތަކެއް ހިންގުމުގެ ތާރީހެއް އޮތް ބައެކެވެ.
މުސްލިމުންނަށް އަމާޒުކޮށް ސްރީލަންކާގައި ހަމަލާތައް ދީ، ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަން ފަށާފައިވަނީ އޭޕްރިލް 21، 2019 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބީ މުސްލިމުން ކަމަށް ބުނެ ފެންމަތިކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.
އޭޕްރިލް 2019ގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ލަންކާއިން ވަނީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންގެ ފުރާނައަށް ނުރައްކާވާގޮތަށް އެގައުމުގައި ހިންގާ ހަމަނުޖެހުންތަކުގެ އަޑީގައި ތިބެނީ ހައްދުފަހަނައަޅާ ގޮސްފައިވާ ހަރުކަށިފިކުރުގެ ބުޑިސްޓުންނެވެ.
ގާތްގަނޑަކަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މުސްލިމުން ހިއްސާކުރަނީ އެންމެ %10 ކަމަށްވާއިރު، ސްރީލަންކާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މުސްލިމުން ހިޖުރަކޮށްފައިވާ ގައުމެކެވެ. ސްރީލަންކާގެ އާބާދީގެ ބޮޑު ބައި ހިއްސާކުރަނީ ބުދިސްޓުންނެވެ.