މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ރޯގާގައި ގިނަ ބަޔަކު މަރުވެގެން ގޮސްފައިވާ އިރު ރާއްޖެއަށް ވެސް ވަނީ ކޮވިޑްގެ ބަލި މަޑުކަމާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރު ކޮވިޑް ކޭސްތައް ފެންނަމުން އައިސް ދެ ރާޅެއް ނަގައި ކޭސްތައް މަދުވެފައި އޮތީ އަހަރު ނިމުމަކާ ގާތްވެފައި ވަނިކޮށެވެ. ނަމަވެސް އާ އަހަރު ފެށިގެން މާ ގިނަ ދުވަހެއް ނުވަނީސް ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ އަދަދު މި ވަނީ މައްޗަށް ގޮސްފައެވެ.

މިދިޔަ އަހަރު ކޭސްތައް މަދުވުމާ އެކު ރާއްޖޭގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫ ދިނުމަށް ފަހު ފަރުދީ ޒިންމާ އަދާ ކުރަން މާސްކް އެޅުމާއި އަތް ދޮވުމާއި ގައި ދުރުކަން ދެމެހެއްޓުމަށް އިރުޝާދު ދީފައެވެ. ނަމަވެސް ލުއި ދިނުމާ އެކު ދިވެހިން ހައްޓަކު ހެޔެއް ނެތެވެ. ބޭރަށް ދިއުން އިތުރުވިއެވެ. ކެފޭ ރެސްޓޯރަންޓްތައް ފުރާލައި މަޖާ ކޮށް ގޭގައި ބަންދުވެ ތިބެން ޖެހުނު ދުވަސްތަކުގެ ބަދަލު ހިފާލަން އުޅުނު ކަހަލައެވެ.

ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ޕާޓީގެ އިތުރުން އާ އަހަރު ފާހަގަ ކުރުމާއި ވެކޭޝަން ހަދާލަން ދުބާއީއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. އުފާ ކުރުމުގައި ދިވެހިން ބިޒީ ވި އިރު ނުރައްކާތެރި ބަލިމަޑުކަމެއް އޮތް ކަން ހަނދާނުން ކައްސާލީ ކަމެއް ނުވަތަ އެއީ މާ ބޮޑު ކަމަކަށް ނުހެދީ ކަމެއް ނޭނގެއެވެ.

ކޮވިޑް ވެކްސިން ޖަހަން އާންމުން ކިޔު ހަދާފައި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މިހާރު މިވަނީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި ކޮވިޑްގެ ތިންވަނަ ރާޅާ ކުރިމަތިލާން ޖެހިފައެވެ. މި އަހަރު ފެށިގެން ކޭސްތައް ރިޕޯޓު ކޮށް ޖެނުއަރީ މަސް ނިނުމަކަށް އައި އިރު ވަނީ ދުވާލަކަށް ރިޕޯޓް ކުރާ ކޭސްގެ އަދަދު 100 އިން މައްޗަށް ގޮސްފައެވެ. މުޅި ޖެނުއަރީ މަހު ތެރޭގައި 2084 މީހުން ކޮވިޑް ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ. ފެބްރުއަރީ މަސް ފެށިގެން ދިޔައީ މިއަހަރު އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ރިޕޯޓު ކުރި ދުވަސް ފާހަގަ ކުރަމުންނެވެ. ފެބްރުއަރީ އެއްވަނަ ދުވަހު ވަނީ 215 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައެވެ.

ކޮވިޑް އަޕްޑޭޓް:

  • ޕޮޒިޓިވްވި ޖުމްލަ އަދަދު: 18،082
  • ބަލިން ރަނގަޅުވި ޖުމްލަ އަދަދު: 15،633
  • އެކްޓީވް ކޭސްގެ އަދަދު: 2384
  • ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު: 172
  • މަރުވި މީހުންގެ އަދަދު: 58

މިއާ އެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބަލި ފެތުރެމުންދާ މާލޭ ސިޓީގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާންކޮށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތަކީ އިރުއޮއްސި 6 އިން ހެނދުނު 6 އަކާ ދެމެދުކަން އަންގާ އިއުލާންކޮށްފައި ވެއެވެ. ކޮވިޑް ބަލި މަޑުކަން މިއަހަރު ފެށުނު ފަހުން ރަށްރަށުން ފެންނަމުން ގޮސްފައި ވާއިރު މިހާތަނަށް އައި އިރު ކޭސްތައް އެންމެ ގަދައަށް ފެތުރެން ފަށާފައި ވަނީ އާބާދީ ގިނަ ދެ ސަރަހައްދެއްގައެވެ. އެއީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއެވެ. މިއަޑާ ހަމައަށް އައި އިރު އަޢްޑޫ ސިޓީން 62 ކޭސް ރިޕޯޓް ކޮށފައި ވާއިރު ފުވައްމުލަކުން ވަނީ 24 ކޭސް ރިޕޯޓް ކޮށްފައެވެ. ދެ ސިޓީގައި ވެސް ކާފިއު އިއުލާން ކޮށް ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ސަރުކާރުން ބުނެފައި ވަނީ ކޮވިޑް ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ނުވާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ އަނެއްކާ ވެސް ފުލް ލޮކްޑައުނަކަށް ދިއުން ގާތެވެ. އަދިވެސް މަގުމައްޗަށް ބޭކާރު ގޮތުގައި ނުކުމެ ސިނގިރޭޓް ބޯލަން ނުވަތަ ވައި ޖައްސާލައި ރައްޓެއްސަކާ އަނގައިން ބުނެލަން ނުކުމެ އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

އަނެއްކާވެސް ފުލް ލޮކްޑައުނަކަށް ދާން ޖެހިއްޖެ ނަމަ ކޮންމެ މީހަކަށް ވެސް އުންދަގޫ ވާނެއެވެ. މިއީ މިދިޔަ އަހަރު ވެސް ފުލް ލޮކްޑައުނަށް ދިޔަ ދުވަސްވަރެވެ. ކުރިމަތީ މިއޮތީ ރޯދަ މަހެކެވެ. މިދިޔަ އަހަރު އުޅެން ޖެހުނު ދަތި ހާލު ބަޔާން ކޮށް އެއްބަޔަކު އެއީ ކަލަންޑަރުގައި ވެސް ހިމަނަން ބޭނުން ނުވާ އަހަރެއްގެ ގޮތުގައި ސިފަކޮށްފައި ވާއިރު 2021 ވެސް ވެގެން ދަނީ ކޮވިޑް ގެ ސަބަބުން އެންމެން އަނެއްކާ ވެސް ގޭގައި ބަންދު ވާން ޖެހޭ އަހަރެއްގެ ގޮތުގައި ހެއްޔެވެ.

ފަރުދީ ޒިންމާ އަދާކޮށް އެންމެން ގޭގައި ތިބެން ހިނގާށެވެ. ކޮންޓެކްޓާ ވާ މީހުން މަދުކޮށް ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނުނިކުތުމަކީ މިވަގުތު ފަރުދީ ޒިންމާއަކަށް ހަދަމާ ހިނގާށެވެ. ކޮވިޑް ހުއްޓުވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. އެކަމުގެ ނަތީޖާ މިދިޔަ އަހަރު ވެސް ވަރަށް ސާފުކޮށް ފެނިގެން ވަނީ ގޮސްފައެވެ.