ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު، އެކި ދާއިރާތަކުން ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޖޮއިންޓް ކޮމިޓީ މީޓިންގްގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ވާޗުއަލް ޕްލެޓްފޯމްގައި މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސް ކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. ޔޫއޭއީގެ ފަރާތުން އިސްކޮށް ހުންނެވީ، އެ ގައުމުގެ އިންޑަސްޓްރީ އެންޑް އެޑްވާންޑްސް ޓެކްނޮލޮޖީ މިނިސްޓަރު، ޑރ ސުލްތޯން އަލް ޖާބިރުއާއި، މިނިސްޓާ އޮފް ސްޓޭޓް ފޮ ފުޑް އެންޑް ވޯޓާ ސެކިއުރިޓީ، މަރްޔަމް އަލްމެހެއިރީއެވެ.

ޔޫއޭއީގެ އިންޑަސްޓްރީ އެންޑް އެޑްވާންޑްސް ޓެކްނޮލޮޖީ މިނިސްޓަރު، ޑރ ސުލްތޯން އަލް ޖާބިރު / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ-ޔުއޭއީ ޖޮއިންޓް ކޮމިޓީ މަޝްވަރާތައް އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ދޭދޭ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިތުރުން އިގުތިސޯދީ ގުޅުންތަކުގެ ތެރެއިން، ބައިނަލްއަގުވާމީ ފެންވަރުގައި ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށްވެސް ޝާހިދު ވަނީ ބާރު އަޅުއްވާފައެވެ.

ދިވެހިރާއްޖެއާއި ޔޫއޭއީގެ ގުޅުމަކީ ދޭދޭ މަސްލަހަތު އެކުލެވޭ ކަންކަން ފަހުމް ވާ ހާލު، ބަދަހި ވެފައި ވާ ގުޅުމެއްކަން ފާހަގަ ކުރައްވަމުން ޝާހިދު ވަނީ، ފާއިތުވީ އަހަރުތަކުގައި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކަންކަމުގައި ރާއްޖެއާއި ޔޫއޭއީ އެކުގައި ކުރި މަސައްކަތްތައް އިތުރު ވެފައިވާކަން ފާހަގަ ކުރައްވާފައެވެ.

މާޗް 15، 1978 ގައި ރާއްޖެއާއި ޔޫއޭއީއިން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި ފަހުން، ދޭދޭ ގުޅުން ބަދަހިވެގެން އައި ގޮތުގެ މައްޗަށް ޔޫއޭއީގެ ޑރ ޖާބިރު ވަނީ އަލިއަޅުއްވާލައްވާފައެވެ. މި މޭރުމުން އޭނާ ވަނީ، ރާއްޖެއާއި ގުޅިގެން އިންވެސްޓްމަންޓް އިތުރު ކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ޔޫއޭއީން ޝައުގުވެރިވާ ކަން ހާމަ ކުރައްވާފައެވެ. މި ރޮނގުން، އެކި ދާއިރާތަކުން ތަޖުރިބާ ހިއްސާ ކުރުން ފަދަ ކަންކަން ހިމެނޭ ކަން ޔޫއީގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫއީގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ފުޑް އެންޑް ވޯޓާ ސެކިއުރިޓީ، މަރްޔަމް އަލްމެހެއިރީގެ ވާހަކަވެސް ހުރީ މިފަދަ ރޫހެއްގައެވެ. އެގޮތުން، ކާބޯތަކެތީގެ ސަލާމަތްތެރި ކަމުގެ ރޮނގުން ރާއްޖެއާއި ޔޫއޭއީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް މަގު ތަނަވަސް ކުރުމުގެ ގޮތުން، ކައިރި މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަންވެސް އަލްމެހެއިރީ ވަނީ ހާމަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ގޮންޖެހުންތަކާއެކުގައިވެސް ވާޗުއަލް ޕްލެޓްފޯމެއްގައި މިފަދަ މަޝްވަރާތަކަކަށް ފުރުސަތު ދިން ކަން ފާހަގަކޮށް، ޝާޙިދު ވަނީ ޔޫއޭއީއަށް ޝުކުރު އަދާ ކުރައްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ-ޔުއޭއީ ޖޮއިންޓް ކޮމިޓީ މަޝްވަރާތަކަކީ އަހަރީ މަޝްވަރާތަކެކެވެ. މި މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ، މިމަހުގެ 8-9 އަށް ހާޢްސަ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.