އިރާގުގައި ހަރަކާތްތެރިވާ "ޓެރަރިސްޓުންނަށް" އެއްބާރުލުން ދެމުން ދަނީ އެމެރިކާއިން ކަމަށް ތުހުމަތު ކުރައްވާ، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން، އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އުރުދުޣާން މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައި މިވަނީ، އިރާގުގައި ދިރިއުޅެމުން ދިޔަ ތުރުކީ ދަރިކޮޅުގެ 13 މީހަކު، ކުރުދީ ހަނގުރާމަވެރިންގެ ބަޔަކު ވެގެން ގަތުލު ކޮށްފައި ވާ ކަމަށް ތުރުކީވިލާތުގެ ސަރުކާރުން ބުނެފައި ވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް އާންމު ޕްލެޓްފޯމެއްގައި ތަގުރީރު ކުރައްވަމުން އުރުދުޣާން ވިދާޅުވީ، އެމެރިކާއިން އާންމު ކުރި ބަޔާނަކީ "ހަޖުލެއް" ކަމަށެވެ. އެމެރިކާއަކީ ޓެރަރިސްޓުންނަށް އެއްބާރުލުން ދޭ ބައެއް ނޫން ކަމަށް އެ ގައުމުން ބުނާއިރު، ޓެރަރިސްޓުންގެ ފަހަތުގައި އޮތް ބަޔަކީވެސް އެމެރިކާ ކަމަށް އުރުދުޣާން ވަނީ ތުހުމަތު ކުރައްވާފައެވެ.

ތުރުކީވިލާތުގެ އޮފިޝަލުން ވިދާޅުވީ، ޣައިރު ގާނޫނީ ކުރުދީ ޕާޓީ (ޕީކޭކޭ) ގުރޫޕާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް، ތުރުކީ ދަރުކޮޅުގެ 13 މީހަކު ރަހީނުކޮށް، އިރާގުގެ އުތުރުގެ ސަރަހައްދެއްގެ ހޮހަޅައެއްގައި ގަތުލު ކޮށްފައި ވާ ކަމަށެވެ. އެ ކަން ކުރީ ޕީކޭކޭއިން ކަމަށްވެސް ތުރުކީވިލާތުން ބުނެއެވެ. ގަތުލުވި މީހުންގެ ތެރޭގައި އަސްކަރިއްޔާއާއި ފުލުހުންގެ މެންބަރުން ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ކުރުދީނާ ދެކޮޅަށް، ތުރުކީވިލާތުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޕީކޭކޭއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއާއި ވިލާތުގެ އިއްތިހާދުންވެސް ގަބޫލުކުރެއެވެ. މި ގުރޫޕުން ތުރުކީވިލާތުގައި ހަރަކާތްތެރިވާ ފެށީ 1984 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް ނަމަވެސް، ސޫރިއާގައި ހަރަކާތްތެރިވާ ކުރުދީ ޖަމާއަތަކަށް އެމެރިކާއިން އެއްބާރުލުން ދެއެވެ. ތުރުކީވިލާތުން ބުނާ ގޮތުގައި އެއީ ޕީކޭކޭގެ ގޮތްޕެކެވެ.