މިހާރު ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހަމަދު ޖަމީލް އަހުމަދު ވަކިކުރަން އިދިކޮޅު ލީޑާޝިޕުން ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި ގޮތާ ގުޅޭގޮތުން ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވާ މައްސަލައެއް ކުރިއަށް ދާތީ އެކަމަށް ފާޑުވިދާޅުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ހިމެނި ވަޑައިގަންވަނާ އެ ކޯލިޝަންގެ ޖޮއިންޓް ކައުސިލް ވަޓްސްއަޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއް ފުރާޅު ދަށުގައި ރައީސް ޔާމީން ދިފާއު ކުރައްވާ ވާހަކަ ދައްކަވާ ޖެހިގެން ހުރި ފުރާޅު ދަށަށް ވަދެ ރައީސް ޔާމީން ކުރެއްވީ އަނިޔާއޭ ވިދާޅުވުމުން ދެކޮޅު ނުޖެހޭ ކަމަށެވެ. އެކަން ވިސްނައިދޭން އުޅުނަސް ނުވިސްނޭނެ ކަމަށްވެސް ވިދާޅުވެފއެވެ.
އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށް ދާ ރައީސް ޔާމީންގެ ޝަރީއަތަށް އިތުރު ލޯޔަރުން ލުމަށް ފެންނަ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެކަން ރައީސް ޔާމީނަށް ދެންނެވުމަކީ އަދުރޭއަށް ކުރެއްވޭނެ ކަމެއް ނޫންތޯ ޝޫޖާއު ވަނީ ސުވާލު ކުރައްވާފައެވެ.
ޝުޖާއު އެފަދައިން ވިދާޅުވެފައި ވާއިރު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވެސް ވަނީ ނައިބު ރައީސްގެ މަގާމުން ވަކިކުރި ގޮތާ ގުޅޭގޮތުން ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވާ މައްސަލައާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ޓޮމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައިބު ރައީސްގެ މަގާމުން ޖަމީލުވެސް އަދި އަހުމަދު އަދީބުވެސް ވަކިކުރަން ނިންމީ އެ ދެބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ކަމަށެވެ.
ޑރ. ޖަމީލް ވަކިކުރަން އިދިކޮޅު ލީޑާޝިޕުން ގޮވާލައިފައި ވާއިރު އެކަމާ ގުޅިގެން އެ ކޯލިޝަންގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.