ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް، މާދަމާ ފަށާނެ ކަމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ނަރޭންދްރާ ފެނާންޑޯ ވިދާޅުވެއްޖެއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ޖަހާނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އަދި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިން ކަމަށްވެސް ލަންކާ މީޑިއާއިން ހަބަރު ދެއެވެ.

ހަބަރު ލިބޭ ގޮތުގައި މަޖިލިސް މެންބަރުންނަށް ޖަހާނީ، އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

މަޖިލިސް މެންބަރުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ، އާމީ ހޮސްޕިޓަލުގައެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ވެކްސިން ޖަހަން ހަމަޖެހިފައި ވާއިރު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މިކަން ކުރިއަށް ދާނެ ކަމަށް ސާޖަންޓް އެޓް އާމްސް މައުލޫމާތު ދެއްވައެވެ.

ސްރީލަންކާގައި މަޖިލިސް މެންބަރުން ހިމަނާފައިވަނީ ނާޒުކު ގިންތީގެ މީހުންގެ ލިސްޓުގައެވެ. އެއީ ގިނަ އަދަދެއްގެ އާންމުންނާ ގާތުން ބައްދަލުވާނެ ތީ ކަމަށް ފެނާންޑޯ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ އެ ގައުމުގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫއު ހިންގަމުންނެވެ. ލަންކާއިން 1 ލައްކައަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، އާބާދީގެ ކޮންމެ 100 މީހަކުން 2.2 ޕަސެންޓް މީހުންނަށް ވެކްސިން ޖަހާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.