ގޮނޑުދޮށްތައް ގިރާ ދިއުން ހުއްޓުވުމަށްޓަކައި، ގުދުރަތީ ހައްލުތަކުގެ ބޭނުން، ދިވެހިރާއްޖެއިން ހިފަން ޖެހޭ ކަމަށް ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވަކާލާތު ކުރައްވަމުން އަންނަ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ގޮނޑުދޮށްތަކަށް ކުރިމަތިލާންޖެހޭ ހިރާސް ކުޑަ ކުރުމަށް މުރަކައިގެ ފަރުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދޭ އިލްމީ ދިރާސާއެއް ހިއްސާކުރައްވަމުން ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައެވެ.

ހިލަ ގާތަކާއި ކޮންކްރީޓް އަޅައިގެން ގޮނޑުދޮށްތައް ހިމާޔަތް ކުރަން އުޅުމަކީ ވެއްޓަށް ދެވޭ ގެއްލުމެއް ކަމަށް ވިދާޅުވެ، ޓްވީޓް ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ، ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށްޓަކައި، މުރަކައިގެ ފަރުތައް ދިރުވުމާއި، ކަނޑުފާ/ކުޅިތައް އާލާ ކުރުން ފަދަ ގުދުރަތީ ހައްލުތަކުގެ ބޭނުން، ދިވެހިރާއްޖެއިން ހިފަން ޖެހޭ ކަމަށެވެ.

މުރަކަ ދިރުވާ އާލާ ކުރުމުގެ ރޮނގުން ހޯދިފައިވާ އިލްމީ ހޯދުންތަކުގެ އެންމެ ޒަމާނީ މައުލޫމާތު ބޭނުންކޮށްގެން، މުރަކައިގެ ޖީންސް ވަރުގަދަ ކުރުން ފަދަ ކަންކަމުގެ ބޭނުން ހިފަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެނީ، މިފަދަ ކަންކަމަކީ ގާ ހުދުވުން ފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހޭ ހިނދު، މުރަކައިގެ ދިރުން ދަމަހައްޓަން އެހީވާ ސަބަބަކަށް މިކަން ވުން ކަމަށްވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، 1920ގެ އަހަރުތަކުގެ ޓެކްނޮލޮޖީ، ދިވެހިންގެ މައްޗަށް "އޮއްސާލާ" މަޝްރޫއުތަކަށް ފަންޑު ނުދިނުމަށްވެސް، ރާއްޖެއަށް އެހީ ފޯރުކޮށްދޭ ވޯލްޑް ބޭންކާއި އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ) ފަދަ ބައިނަލްއަގުވާމީ ތަރައްގީގެ ބައިވެރިންނަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ދިވެހިންނަކީ އެންމެ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ތަރައްގީގެ ބޭނުންތައް ފުއްދާ ބަޔަކަށް ވުމަށްވެސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ނަޝީދު ހިއްސާ ކުރައްވާފައިވާ، އިލްމީ ދިރާސާއަކީ މެއި 13، 2014ގައި ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެކެވެ. ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ރާއްޖެއިން މަސްނޫއީ ހައްލުތަކަށް ބަރޯސާވިކަން، މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.