ސ. މީދޫ ބަނދަރު ބަނދަރުގެ 90 ޕަސެންޓް، ހދ. ހަނިމާދޫ ބަނދަރުގެ 30 ޕަސަންޓް، ބ. ފެހެންދޫ ބަނދަރުގެ 75 ޕަސެންޓު އަދި ށ. ޅައިމަގު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދުގެ ޕޭވްމަންޓް މަސައްކަތްތަކުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މީދޫގައި އޮތް ބަސްތާ ތޮށިން ހަދާފައި އޮތް ބަނދަރުގެ ތޮށި އާ ކުރުމުގެ މަސައްކަތާއި ނެރު ބައްތި އަދި ބަނދަރު ސަރަހައްދުގައި ލައިޓު ޖެހުން ހިމެނެއެވެ. މި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާއެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 68 ޕަސެންޓާއި އަދި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެއެވެ. މި މަޝްރޫއުގެ އަގަކީ 57 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރާ ސަރަޙައްދު ފުންކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށްވަނީ ނިންމާފައެވެ. މި މަޝްރޫއުގެ އަގަކީ 56.3 މިލިއަން ރުފިޔާއެވެ.