އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ދެވަނަ ފަހަރަށް މަގާމުން އަޒުލު ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެންޓް) ގައި ކުރިއަށް ގެންދިޔަ ޝަރީއަތް، އެންމެ 5 ދުވަހުގެ ތެރޭގައި ނިންމާލީ، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅަމުންނެވެ.

ސެނެޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ، ޖެނުއަރީ މަހުގެ ކުރީ ކޮޅު، ކެޕިޓޮލް ބިލްޑިންގްގައި، ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާއަށް ޓްރަމްޕް ހިތްވަރު ދެއްވި ކަން ސާބިތުވާން ނެތް ކަމަށެވެ.

އެމެރިކާގައި ރައީސަކު އަޒުލު ކުރުމަށް މިހާތަނަށް 4 ޝަރީއަތެއް ކުރިއަށް ގެންގޮސްފައި ވާއިރު، މިއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލި ޝަރީއަތެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ޖެނުއަރީ 7، 2020 ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގަށް ވަދެގަތް ވަގުތު މަޖިލިސް މެމްބަރުން ހިމާޔަތަށް ފިއްލަވަނީ / ފޮޓޯ: ޓްވިޓާ

މިއީ ޓްރަމްޕް އަޒުލު ކުރުމަށް މަސައްކަތް ކުރި 2 ވަނަ ފަހަރެވެ. ފުރަތަމަ ފަހަރެކޭ އެއްގޮތަށް، މިފަހަރުވެސް ޓްރަމްޕް އަޒުލު ކުރުމަށް އިންކާރު މި ކުރީ ސެނެޓުންނެވެ. ސަބަބަކަށް ވީ ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ކެންޑިޑޭޓުންނަށް ކަމުގައިވުމެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުކޮށް، އަޒުލު ކުރުމަށް ބޭނުންވާ ވޯޓުގެ ޖުމުލު އަދަދު ހަމައެއް ނުވެއެވެ. 10 ވޯޓު މަދެވެ.

އެންމެ އަސާސީ ކައްޓާއަކުން ވަޒަން ކުރަނީ ނަމަ، މިއީ ޓްރަމްޕަށް ލިބިވަޑައިގެންނެވި ނަސްރެކެވެ. 2024 ވަނަ އަހަރު، ވެރިކަމުގެ އާ ދައުރަކަށް ކުރިމަތިލެއްވުމަށް ޓްރަމްޕަށް އަދިވެސް ފުރުސަތު އެބައޮތެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގް ލޫޓުވާ، މަޖިލިސް ރައީސް ނޭންސީ ޕެލޯސީގެ ޕޯޑިއަމް ހިފައިގެން ހަރަކާތްތެރިވަނީ (ކ) އަދި ޕެލޯސީއަށް އެޑްރސްކޮށްފައި ވާ ސިޓީ އެއް ހިފައިގެން / ފޮޓޯ: ޓްވިޓާ

ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސެނެޓުން ނިންމި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ބަޔާނެއް އާންމު ކުރައްވާފައެވެ. ސެނެޓުގެ ނިންމުމާ މެދު އުފާ ކުރައްވަމުން ޓްރަމްޕް އާންމު ކުރެއްވި ބަޔާނުގައި، ޑިމޮކްރަޓުންގެ މަސައްކަތްތައް ކުށްވެރި ކުރެއްވިއެވެ. އަދި މިއީ ޓްރަމްޕްގެ ސިޔާސީ ހަރަކާތުގެ ފެށުން ކަމަށް އިންޒާރު ކުރެއްވިއެވެ.

ސެނެޓްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން މެންބަރުންނަށް ބަލާއިރު، މީގެ އަހަރެއް ކުރިން ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ޔޫޓާއިން ސެނެޓްގައި އިންނަވާ މިޓް ރޮމްނީއެވެ. ނަމަވެސް މިފަހަރު، އިތުރު 6 މެންބަރަކު ރޮމްނީއާ ބައިވެރިވެވަޑައިގަތެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ސެނެޓް)ގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް / ފޮޓޯ: ސީއެންއެން

ސެނެޓްގެ މެންބަރުންނަށް ބަލާއިރު، އަވަހަށް ދައުރު ހަމަވެ، ޑިމޮކްރަޓިކް މެންބަރުންނާ އިންތިހާބެއްގައި ކުރިމަތިލައްވަން ޖެހިފައި ތިބި ރިޕަބްލިކަން މެންބަރުން، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ނުކުރެއްވުމަށް ވޯޓު ދެއްވަން ޖެހިލުންވެވަޑައިގަތެވެ.

ނަމަވެސް، ޖެހިލުން ކުޑަ ކަމާއެކު ޓްރަމްޕާ ދެކޮޅަށް ވަކާލާތު ކުރައްވާ، ވޯޓު ދެއްވި ރިޕަބްލިކަން މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ސެނެޓާ މިޗް މެކޯނެލްގެ ނަން ފާހަގަ ކުރަންޖެހެއެވެ.

މި ހުރިހާ ކަމަކާވެސް ގުޅެނީ، ޓްރަމްޕް ދެން ފިޔަވަޅު އަޅުއްވާނެ މިސްރާބަކާއެވެ. ސެނެޓްގެ ނިންމުން އައްޑަނައެއް ކަމުގައި ހައްދަވައިގެން ސިޔާސީ މައިދާނަށް ނިކުންނަވާނީ ތޯ ނުވަތަ މިނިވަން ފަރުދެއްގެ ގޮތުގައި ދިރިއުޅުއްވުން ކުރިއަށް ގެންދަވާނީ ތޯ ނިންމަވާނީ ހުދު ޓްރަމްޕެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސޯލް ލޮއޭބް

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ޓްރަމްޕްގެ ސިޔާސީ ވާދަވެރިޔާ އަދި އަދުގެ ރައީސް ޖޯ ބައިޑަން، މި މައްސަލާގައި ހުންނެވި ހިސާބަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ޓްރަމްޕް އަޒުލު ކުރުމާއި، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ދިޔަ މަސައްކަތްތަކާ ބައިޑަން މާ ބޮޑަކަށް ގާތްވެވަޑައެއް ނުގަނެއެވެ.

ޓްރަމްޕާ ގުޅިގެން ސެންޓްގައި ކުރިއަށްދިޔަ އިޖުރާއަތުތައް އެންމެ ގާތުން ބައްލަވަމުން ގެންދަވާފައި ނުވާ ކަމަށްވެސް ވައިޓްހައުސްގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ޝަރީއަތުގެ ވަގުތުތައް ބައިޑަން ހޭދަ ކުރެއްވީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަނދަވަޅުން އެމެރިކާ ނަގަހައްޓަވާނެ ގޮތެއް ހޯއްދެވުމަށް ކަމަށް ބުނެވެއެވެ.

ބައިޑަންގެ ސަރުކާރުން ގަބާލު ކުރާ ގޮތުގައި، އޭނާގެ ސިޔާސީ ރާސްތާ ދިގުދެމިގެންދާން އޮތީ ބަލިމަޑުކަމަށް އެ ސަރުކާރުން ދޭ އިޖާބައަކާ ގުޅި، ލާ މެހިފައެވެ. ގުޅިފައި ވަނީ އިގުތިސޯދު ނެގެހުއްޓުމާ، އެމެރިކާގެ އާންމު މަސްރަހާއެވެ. އެއްވެސް ހާލެއްގައި، ޓްރަމްޕާ ގުޅިގެން ސެނެޓްގައި ކުރިއަށްދިޔަ ޝަރީއަތަކާ ނޫނެވެ.