އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ސާސްކޮވް-2ގެ އާ ވޭރިއަންޓް (ބީ.1.1.7)ގެ އަސަރު، އަވަށްޓެރި ސްރީލަންކާގެ 4 ސަރަހައްދަކުން ފެނިފައި ވާ ކަމަށް އެ ގައުމުން ރިޕޯޓް ކޮށްފިއެވެ.
ކޮވިޑް-19 ސާމްޕަލްތަކުގެ ތަހުލީލުތަކުން ޔޫކޭ ވޭރިއަންޓް ފާހަގަވި ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބާ، އަވިއްސަވެއްލާ، ބިޔަގާމާ، އަދި ވަވޫނިއާ ހިމެނޭ ކަމަށް، ސްރީ ޖަޔާވަރުދަނަޕޫރާ ޔުނިވާސިޓީގެ ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް އިމިއޮނޮލޮޖީ އެންޑް މޮލެކިއުލާ މެޑިސިންގެ ޑައިރެކްޓާ، ޑރ ޗަންދިމާ ޖީވަންދުރާ ވަނީ ވިދާޅުވެފައެވެ.
ޑރ ޖީވަންދުރާ ވެސް ވިދާޅުވާ ގޮތުގައި ވީއޯސީ 202012/01 ގެ ނަމުންވެސް ރިއާޔަތް ކުރާ ޔޫކޭ ވޭރިއަންޓް (ބީ.1.17) އަކީ އިންތިހާ ހަލުވި މިނުގައި އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ވާރުވަމުންދާ ވޭރިއަންޓެކެވެ.
ސްރީލަންކާގެ 4 ސަރަހައްދަކުން ޔޫކޭ ވޭރިއަންޓް ފެނުނު ކަން އެ ގައުމުން ހާމަ ކޮށްފައި ވާ މި ދަނޑިވަޅަކީ، މުޅި ދުނިޔެއަށް މި ވޭރިއަންޓް ފެތުރިދާނެ ކަމުގެ އިންޒާރު، ކޮވިޑް-19 ޖެނޯމިކްސް ޔޫކޭ ކޮންސޯޓިއަމްގެ ޑައިރެކްޓާ، ޝެރަން ޕީކޮކް، ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ފަސޭހަ ކަމާއެކު އެކެއްގެ ހަށިގަނޑުން އަނެއް މީހާގެ ހަށިގަނޑަށް ފެތުރިގެން ޔޫކޭ ވޭރިއަންޓް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ، އިނގިރޭސިވިލާތުގެ ކެންޓް ކައުންޓީއިން، މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އިނގިރޭސިވިލާތުގައި މިހާރު އޮތް ލޮކްޑައުންގެ އަސްލަކީވެސް މި ވޭރިއަންޓް ކަމަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށް ވުރެ ގިނަ ގައުމުން މިހާރު މި ވޭރިއަންޓް ފެނިފައި ވާކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.