ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

މިމަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި 2 ނެރުބައްތި ޖެހުމާއި 58 މީޓަރު ގްރޮއިން ޖެހުމާއި 40 މޫރިންގް ބޮއި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި ރޭމްޕް ހެދުމާއި 45 ބަނދަރު ބައްތި ޖެހުމާއި 4320 ސްކެއާ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެ މަޝްރޫއަށް 69.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.