އިންތިހާ ހަލުވި މިނުގައި މުޅި އިނގިރޭސިވިލާތަށް ފެތުރިގެން ދިޔަ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް، މުޅި ދުނިޔެއަށްވެސް ފެތުރިގެން ދާނެ ކަމުގެ އިންޒާރު، ކޮވިޑް-19 ޖެނޯމިކްސް ޔޫކޭ ކޮންސޯޓިއަމްގެ ޑައިރެކްޓާ، ޝެރަން ޕީކޮކް، ދެއްވައިފިއެވެ.

ފަސޭހަ ކަމާއެކު އެކެއްގެ ހަށިގަނޑުން އަނެއް މީހާގެ ހަށިގަނޑަށް ފެތުރިގެންދާ ޔޫކޭ ވޭރިއަންޓް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ، އިނގިރޭސިވިލާތުގެ ކެންޓް ކައުންޓީއިން، މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އިނގިރޭސިވިލާތުގައި މިހާރު އޮތް ލޮކްޑައުންގެ އަސްލަކީވެސް މި ވޭރިއަންޓް ކަމަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 86 ގައުމަކުން މިހާރު މި ވޭރިއަންޓް ފެނިފައި ވާކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެމެރިކާގައި ހާއްސަ ކޮށްފައިވާ މަރުކަޒެއް ކައިރީގައި ސަފު ހަދާފައި / ފޮޓޯ: އެލްއޭޓީ

ބީބީސީގެ ނިއުސްކާސްޓް ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޕީކޮކް ވިދާޅުވީ، ކޮރޯނާވައިރަހަށް އަންނަ ބަދަލުތައް ދެނެގަތުމަށް އޭނާ ހަދަމުން ސީކުއަންސިންގްގެ ދިރާސާ، ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހަށްވެސް ދިގު ދަންމާލަން ޖެހިދާނެ ކަމަށެވެ.

ބީ.1.1.7ގެ ނަމުން މިހާރު ރިއާޔަތް ކުރަމުން އަންނަ ޔޫކޭ ވޭރިއަންޓްގެ އަސްލާ ބެހޭ ގޮތުންވެސް ޕީކޮކް ވަނީ ވާހަކަދައްކަވާފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެވަޑައިގެން ޕީކޮކް ވިދާޅުވާ ގޮތުގައި، މި ވޭރިއަންޓް ބަދަލުވެގެން އައީ، ދިފާއީ ނިޒާމު ބަލިކަށިވެފައިވާ (އިމިއުނޯސަޕްރެސްޑް) ޕޭޝަންޓެއްގެ ފަރާތުން ކަމަށް ބެލެވިދާނެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ/ފޮޓޯ: އެމެރިކަން ކެމިސްޓްރީ ސޮސައިޓީ

ޕީކޮކް ވިދާޅުވާ ގޮތުގައި މި ވޭރިއަންޓަކީ ދެން ދައުރުވަމުންދާ އެހެން ވޭރިއަންޓްތަކާ ވަރަށް ތަފާތު ވޭރިއަންޓެކެވެ. މިކަމަށް އޮތީ ދެ ތައުރީފެއް ކަމަށާ، އެއް ގޮތަކީ މިއީ "ތައާރަފުކުރި" ވޭރިއަންޓަކަށްވުމެވެ. ދެވަނަ ގޮތަކީ، އަދި އެންމެ ބޮޑަށް ބުރަވެވޭ ތައުރީފަކީ، އިންފެކްޝަންގެ އަސަރު ދިގުލާ ގޮސްފައިވާ މީހެއްގެ ހަށިގަނޑުގައި ބަދަލަށް އަހުލުވެރިވުމުގެ ފުރުސަތު، ވައިރަހަށް ލިބުމެވެ. އަދި މިކަން ސާބިތު ކުރާނެ ހެކި ލިބެމުން އަންނަ ކަންވެސް ޕީކޮކް ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫކޭ ވޭރިއަންޓަކީ، އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު 30 ޕަސެންޓް، (ފުރާނައަށް) ނުރައްކާ ވޭރިއަންޓެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، ޖެނުއަރީ މަހުގެ ފަހުކޮޅު ވިދާޅުވި ނަމަވެސް، އެކަމަށް ބާރުދޭނެ ސާބިތު ހެއްކެއް ނެތްކަން ޕީކޮކް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މީހެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

މި ދުވަސްވަރަކީ ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ދަނޑިވަޅަކަށް ވާއިރު، މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓް ހިއްސާ ކުރަނީ އާ ވޭރިއަންޓް ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިމަހު ކުރީކޮޅު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަ ކޮށްފައެވެ.