ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދިނުމުގައި ގޮތެއް ނިންމާމީ، ތަޖުރިބާކާރުންގެ ކޮމިޓީއިން ކަމަށް، ކޮވިޑް ކޮންޓްރޯލް ކުރުމަށް ލަންކާ ސަރުކާރުން ހަމަޖައްސަވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރު، ޑރ ސުދާރްޝާނީ ފެނާންޑޯޕޫއްލޭ ވިދާޅުވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލީހުން ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ފެނާންޑޯޕޫއްލޭ ވިދާޅުވީ، މިނިސްޓްރީގެ ނިންމުންތަކަކީ އެ މިނިސްޓްރީއިން އަމިއްލައަށް ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އަދި މި ނިންމުން ތަކަކީ، ފަންނީ ކޮމިޓީއަކުން ނިންމާ ނިންމުންތަކެއް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ފެނާންޑޯޕޫއްލޭއާ މި ސުވާލު ކުރިމަތިކުރެއްވީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރު، މުޖީބުއްރަހުމާންއެވެ. އެމްޕީ މުޖީބުއްރަހުމާން ވަނީ، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދިންކަން ގެޒެޓް ކުރާނީ ކޮން އިރަކުންތޯ، ޑރ ފެނާންޑޯޕޫއްލޭއަށް ދަންނަވާފައެވެ.

ކަން މިހެން އޮތް އިރު، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އިއްޔެ ވަނީ، ކޮވިޑްގައި މަރުވާ މީހުންގެ ގަބުރު ވަޅުލުމުގެ ހުއްދަ ދޭނެ ކަން އިއުލާން ކުރައްވާފައެވެ. މަޖިލިސް މެންބަރު، ސަމާޖީ ޖާނާ ބާލަވަޖާޔާވެސް ވަނީ، މިކަން ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބުދަ ދުވަހުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ރާޖަޕަކްސަ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ވަޅުލުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ބޮޑުވަޒީރު ރާޖަޕަކްސަ މިމޭރުމުން ވާހަކަފުޅުދެއްކެވީ، ކޮވިޑް ޖައްސާ ވައިރަހަކީ ފެނުގެ ތެރެއިން ފެތުރޭ ވައިރަހެއް ނޫން ކަމަށް، ސްރީލަންކާގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޕްރައިމަރީ ހެލްތު ކެއާ، އެޕިޑަމިކްސް އެންޑް ކޮވިޑް ޑިޒީޒް ކޮންޓްރޯލް، ޑރ ފެނާންޑޯޕޫއްލޭ، އަންގާރަ ދުވަހުގެ ވަގުތެއްގައި، ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން، އިދިކޮޅު މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު ނައްތާލަމުން އައީ އަންދައިގެން ކަމަށް ވާއިރު، މިއީ ސްރީލަންކާގެ އާބާދީގައި ބައިމަދު މުސްލިމުންނާއި ބައެއް ޣައިރު މުސްލިމުންގެ ދީނާ ފުށު އަރާ ކަމެކެވެ.