ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުން ދިފާއު ހޯދުމަށް ބޭނުން ކުރެވެން އޮތް އެންމެ އާންމު، އެއް އައްޑަނައަކީ ފޭސް މާސްކު ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ.

ކަން މިހެން އޮތް އިރު، ރަނގަޅަށް މޫނަށް ހެޔޮވަރު ވަރަކަށް ބާރުކޮށް ސާޖިކަލް މާސްކު އެޅުމުން ނުވަތަ ސާޖިކަލް މާސްކުގެ މަތިން ފޮތި މާސްކެއް ބޭނުން ކުރުމުން، ވައިރަހުން ދިފާއުވުމުގެ ފުރުސަތު އިތުރު ވާ ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު ވަނީ ރިޕޯޓް ކޮށްފައެވެ.

ސީޑީސީއިން ކުރިއަށް ގެންދިޔަ އާ ދިރާސާއިން ދައްކާ ގޮތުގައި، ކޮވިޑް-19 ޖެހިފައިވާ މީހަކާއި ވައިރަހުގެ އަސަރު ނުކޮށް ހުރި މީހާ، ރަނގަޅަށް މޫނަށް ހެޔޮވަރު ވަރަކަށް ބާރުކޮށް ސާޖިކަލް މާސްކު އެޅުމުން ނުވަތަ ސާޖިކަލް މާސްކުގެ މަތިން ފޮތި މާސްކެއް ބޭނުން ކުރުމުން، ވައިރަހުން ދިފާއުވުމުގެ ފުރުސަތު، 96.5 ޕަސެންޓަށް އިތުރު ކޮށްދެއެވެ.

މީހަކު ފޮތި މާސްކަކާއި ސާޖިކަލް މާސްކެއް ދައްކާލަނީ / ފޮޓޯ: އެލްއެފްއެލް

ވައިޓްހައުސްއިން ކުރިއަށް ގެންދާ ކޮވިޑް ބްރީފިންގްގައި މިކަމުގެ ތަފްސީލު ދެއްވަމުން، ސީޑީސީގެ ޑައިރެކްޓާ ޑރ ރޮޝޭލް ޕީ ވޮލަންސްކީ ވަނީ، 2 ލޭޔަރު ނުވަތަ އެއަށްވުރެ ގިނަ ލޭޔަރު ލީ މާސްކު ބޭނުން ކުރުމަށާ، އެ މާސްކަކީ މޫނަށް ބާރުކޮށް، ހެޔޮވަރުކޮށްލެވޭ މާސްކެއް ކަން ކަށަވަރު ކުރުމަށް ގޮވާލައްވާފައެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަން ވަނީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހު، އެމެރިކާގެ ހުރިހާ ރައްޔިތުން މާސްކު ބޭނުން ކުރުމަށް ބާރު އަޅުއްވާ، ޗެލެންޖެއް ފައްޓަވާފައެވެ. ޑރ ވޮލަންސްކީވެސް ވަނީ، އާ ވޭރިއަންޓްތަކުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މާސްކު ބޭނުން ކުރުމުގެ މުހިންމު ކަން ވަކިން ބޮޑު ކަން ފާހަގަ ކުރައްވާފައެވެ.

ވެލްވް މާސްކެއް އަޅައިގެން ހުރި މީހެއް / ފޮޓޯ: ހެލްތު ނިއުސް ހަބް

ބަލިޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދާއި، މަރުވާ މީހުންގެ އަދަދު އަދިވެސް މަތީގައި އުޅޭއިރު، މާސްކުގައި ހުންނަންޖެހޭ ޝަރުތަތައް ބަޔާން ކުރުނން މުހިންމު ކަމަށްވެސް ޑރ ވަލަންސްކީ ވިދާޅުވިއެވެ. ހުލާސާ ގޮތެއްގައި ބުނާނަމަ، ކޮވިޑް-19އާ ދެކޮޅަށް މާސްކަކީ ކާމިޔާބު ހަތިޔާރެއް ކަމަށާ، ނަމަވެސް މާސްކަކީ ރަނގަޅަށް ހެޔޮވަރު މާސްކަކަށް ވާންޖެހޭ ކަމަށާ، އެ މާސްކަކީ، މާސްކު އެޅުމުގައި ބަލަންޖެހޭ ކަންކަމަށް ސަމާލުކަން ދީގެން އަޅާ މާސްކަކަށް ވާންޖެހޭ ކަމަށްވެސް ޑރ ވޮލަންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.

ސީޑީސީގެ ދިރާސާގެ އިސް މުސައްނިފު، ޑރ ޖޯން ބްރޫކްސް ވިދާޅުވީ، އެއްވެސް މާސްކެއް ނާޅާ އުޅުމަށްވުރެ، މާސްކެއް ބޭނުން ކުރުން ރަނގަޅު ކަމަށެވެ. ނަމަވެސް އިތުރު ދިރާސާތަކާއެކު، ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރާނެ އިތުރު ގޮތްތައް ކަށަވަރު ވަމުން އަންނަ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސާޖިކަލް މާސްކުގައި ގޮށް ޖަހާނެ ގޮތާއި ދެ މާސްކު ބޭނުން ކުރާނެ ގޮތް / ފޮޓޯ: ސީޑީސީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާސްކު ބޭނުން ކުރެވެން އޮތް އެއް ގޮތަކީ ސާޖިކަލް މާސްކުގެ ބޭރުން، ހެޔޮވަރު ފޮތި މާސްކެއް އެޅުމެވެ. އަނެއް ގޮތަކީ ސާޖިކަލް މާސްކު ބާރުކޮށް އެޅުމެވެ. ކަންފަތުގައި އަޅުވާ ގޮތަށް އިންނަ ރަބަރު ފަށުގައި ގޮށްޖަހައިގެން ބާރުކުރުމަށް ފަހު، މާސްކު އަޅާ، ދެ އަރިމަތިން ހުޅުވޭ ބައި، އެތެރެއަށް ވާ ގޮތަށް ބަންދުކޮށްގެން ބޭނުން ކުރުމަށް ސީޑީސީއިން އިރުޝާދުދެއެވެ.

މިއީ ލެބޯޓްރީ ތަހުލީލިތަކުގެ ހޯދުންތަކެއް ކަމަށާ، މިއީ އާންމު ދިރިއުޅުމުގެ ހާލަތުން ކަންކަން ސާފުކޮށްދޭ ހޯދުންތަކެއް ނޫން ކަން ޑރ ބްރޫކްސް ވަނީ ފާހަގަ ކުރައްވާފައެވެ.