ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިން، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭނުން ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިރުޝާދު ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ވަނީ، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްތައް ދައުރުވެ، ވެކްސިންގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ހީވާ ގައުމުތަކުގައިވެސް އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ބޭނުން ކުރުމަށް އިރުޝާދު ދެއްވާފައެވެ.

ޑަބްލިއުއެޗްއޯއިން މިކަންކަން ނިންމާފައި ވަނީ، އެ އިދާރާގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގުރޫޕު އޮން އިމިއުނައިޒޭޝަން ނުވަތަ ސޭޖްއިން، ވެކްސިންގެ ގިނަ ޓްރަޔަލްތަކެއް ދިރާސާ ކުރުމަށް ފަހުގައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް މި ވެކްސިން ބޭނުން ކުރެވޭނެ ކަން ހާމަކޮށްފައެވެ. އަސްޓްރާޒެނީކާގެ ވެކްސިނަކީ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެ ވެކްސިނެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އަދި ވެކްސިންގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، އިނގިރޭސިވިލާތުގައި ކުރާ ބީދައިން އިތުރު ކުރުމުން، ވެކްސިންގެ ފައިދާ ބޮޑުވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ސޭޖް އިން ބުނީ، ދެ ޑޯޒްގެ ދެމެދުގައި ހޭދަވާ މުއްދަތު އިތުރު ކުރުމުން ވެކްސިންގެ ކާމިޔާބީ ރޭޓު އިތުރު ވާ ކަމަށެވެ. މި މޭރުމުން، 2 ޑޯޒްގެ ދެމެދުގައި 8-12 ހަފުތާ ހޭދަ ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ.

ކޮވިޑް-19އާ ގުޅިގެން ޑަބްލިއުއެޗްއޯއިން މީގެ ކުރިން މިފަދަ އިރުޝާދުތަކެއް ދީފައި ވަނީ، ފައިޒާ/ބައޮއެންޓެކް ގުޅިގެން ތަރައްގީ ކުރި ވެކްސިނާއި މޮޑާނާގެ ވެކްސިނަށެވެ. ކުއްލި ހާލަތުގައި އަސްޓްރާޒެނީކާގެ ވެކްސިން ބޭނުން ކުރުމަށް ދޫކުރަން ޖެހޭ ރަސްމީ ހުއްދަ، އަންނަ ހޯމަ ދުވަހު ލިބޭ ވަރު ވާނެ ކަމަށް ލަފާ ކުރެވެއެވެ. މިއީ ހުރިހާ ގައުމަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އަސްޓްރާޒެނީކާގެ ވެކްސިން ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ސިއްކައެކެވެ.

ދިވެހިރާއްޖޭގައިވެސް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، މި ކެމްޕޭންގައި ބޭނުން ކުރަނީ އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ފޯމިއުލާއަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.