ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި 3 މީހަކަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން މިދިޔަ ހޯމަދުވަހު ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކަށް ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. އަދި 3 ވަނަ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެރޭ ހިނގި މާރާމާރީގައި ޖުމްލަ 5 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވެއެވެ. އެ މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އެވެ.

ފުލުހުން ބުނީ އެރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެރޭ 22:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ ކުރިއަށް ދާއިރު މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާ، އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.