ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެއީ 28 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މީގެ ކުރިން އެ ރަށުން ވަނީ 3 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެރޭ ހިންގި މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އެވެ.

ފުލުހުން ބުނީ އެރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެރޭ 22:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ ކުރިއަށް ދާއިރު މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާ، އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.