ލުއި ބުއިން ތަކުގެ ތެރެއިން ދުނިޔޭގެ 1 ނަންބަރު މަގާމުގައި އޮތް ކޮކާ ކޯލާއިން، އެމެރިކާގެ ބާޒާރުތަކަށް ދެން ނެރޭ ޕްލާސްޓިކް ފުޅިތަކަކީ 100 ޕަސެންޓް ރީސައިލް ފުޅިތަކެއް ކަމަށް ބުނެފައެވެ.
ރީސައިކަލް ނުވަތަ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރާ އުސޫލުން މާކެޓަށް ޕްލާސްޓިކް ފުޅި ނެރުމަށް ކޮކާ ކޯލާއިން ނިންމާފައި މިވަނީ، ޕްލާސްޓިކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބައެއް ކަމަށާ، މިއީ އެކުންފުނީގެ ކާބަން ފުޓްޕްރިންޓް ވީހާވެސް މަދުކުރުމަށް ނިންމި ނިންމުމެއްކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެއެވެ.
ޕްލާސްޓިކަކީ ތިމާވެއްޓަށް އިންތިހާ ގެއްލުން ދޭ މާއްދާއަކަށް ވާ އިރު، ބައިނަލްއަގުވާމީ މާކެޓަށް އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ހުށަހަޅާ އެއް ކުންފުނީގެ ގޮތުގައި އޮތީ ކޮކާ ކޯލާ ކުންފުންޏެވެ. ނަމަވެސް، ކޮކާ ކޯލާއިން ވަނީ މިކަން ބަދަލު ކުރުމަށް އަޒުމު ކަނޑައަޅާ، 2030 ވަނަ އަހަރު އަންނަ އިރު، އެ ކުންފުނިން ވިއްކާ ކޮންމެ ފުޅިއަކަށް 1 ފުޅި ރީސައިކަލް ކުރުމަށް އަމާޒު ހިފާފައެވެ.
ރީސައިކަލް އުސޫލުން 390 އެމްއެލް ގެ ކޯކް، ޑައެކްޓް ކޯކް، ކޯކް ޒީރޯ ޝުގާ އަދި ކޮކާ ކޯލާ ފްލޭވާގެ ފުޅިތައް އެންމެ ފުރަތަމަ ތައާރަފު ކުރާނީ އެމެރިކާގެ ނޯތުއީސްޓުން ހޮވާލެވޭ ސްޓޭޓްތަކަކާއި، ފްލޮރިޑާ އަދި ކެލިފޯނިއާއަށް ކަމަށް ހަބަރު ލިބެއެވެ.
ކޮކާ ކޯލާ ކުންފުނިން ބުނީ، މި ބަދަލާއެކުގައިވެސް އާ ޕްލާސްޓިކް ބޭނުން ކުރާ މިންވަރު ދަށް ކުރެވޭނެ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު، އުތުރު އެމެރިކާ ސަރަހައްދުގައި އާ ޕްލާސްޓިކް ބޭނުން ކުރާ މިންވަރު 20 ޕަސެންޓަށް ވުރެ ބޮޑުތަނުން ދަށް ކުރެވޭނެ ކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެއެވެ.
މި ބަދަލާއެކު ކޮކާ ކޯލާގެ ސްޕްރައިޓް ފުޅިތައްވެސް ހުދު ކުލައިގެ ފުޅިތަކަށް ބަދަލު ވާނެއެވެ. 2022 ވަނަ އަހަރު، ސްޕްރައިޓްގެ ހުރިހާ އުފެއްދުމެއްވެސް ހުންނާނީ ހުދު ފުޅީގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޕްލާސްޓިކުން ދުނިޔެ ތަޣައްޔަރު ކުރުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ނެސްލޭއާއި ޕެޕްސީ ކުންފުނިންވެސް ވަނީ، މި މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައެވެ.