ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކަކީ، ކުރި ފޯދެމުން އަންނަ އަންހެނުންގެ ހައްގުތަކާއި، މިންތީގެ ހަމަހަމަ ކަމާ ވަކި ކުރެވޭނެ ކަމެއް ނޫން ކަމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ "އަންހެނުންގެ އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތިމާވެށި: ގޮންޖެހުންތަކާއި ފުރުސަތުތައް"، މި ބައްދަލުވުމުގެ ހަވާސާ އިވެންޓް ފެށުމުގެ ވާޗުއަލް ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުންނެވެ.

މި އިވެންޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ، މޫސުމީ ނޭދެވޭ ބަދަލުތަކާއި، ވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، އަންހެނުންނަށް ފޯރާ ބޮޑެތި އަސަރުތަކުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް، ތަރައްގީ ވަމުން އަންނަ ގައުމުތަކާ، ކުދި ޖަޒީރާ (ސިޑްސް) ގައުމުތަކުގެ އަންހެހުންނަށް ފޯރާ ނޭދެވޭ އަސަރުގެ މައްޗަށް ކަމަށް ދިވެހި ސަރުކާރުން މައުލޫމާތު ދެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަސަރު ފޯރުމުގައި އޮންނަ މިންތީގެ ފަރަގު ކުޑަ ކުރުމަށް މި ބައްދަލުވުން ގޮވާލިއެވެ. އަދި ކަންކަން ނިންމުމުގައި އަންހެނުންނަށްވެސް މިންތީގެ ގޮތުން ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ވަނީ ގޮވާލާފައެވެ. ވަކިން ހާއްސަކޮށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، އާބާދީގެ އެންމެ ނާޒުކު އެއް ގިންތީގެ ހައިސިއްޔަތުން، މިކަމަށް ބާރު ދިނުމަށް މި ބައްދަލުވުމުން ގޮވާލި ކަމަށް ހަބަރު ލިބެއެވެ.

ހަވާސާ އިވެންޓް އިފްތިތާހު ކުރުމުގެ ގޮތުން ދެއްވި ބަޔާނުގައި ޝާހިދު ވަނީ، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލު ކުރުމަށްޓަކައި އަންހެނުންނާ، އަންހެން ކުދިން، އެންމެ ފުރިހަމައަށް ބާރުވެރި ކުރުވާ، ކަންކަމުގައި ބައިވެރިވުމަށް އެންމެ ފުރިހަމަ ގޮތުގައި ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ. ހަމަ މިއާއެކު، އަދުގެ މުޖުތަމައުގައި މިންތީގެ ހަމަހަމަކަން ގާއިމު ކޮށް، ހުރިހާ ފަންތިއެއްގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ މުހިންމު ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، ދެމެހެއްޓެނިވި ތަރައްގީ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާން އޮތީ، އަންހެނުންނާ، އަންހެން ކުދިން އެންމެ ފުރިހަމައަށް ބާރުވެރި ކުރުވައިގެން ކަމަށް ބުނާ ބުނުމަށް ދިވެހި ސަރުކާރުން ތާއިދު ކުރާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއާއެކު ޝާހިދު ވަނީ، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް އަދުގެ ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ޝާހިދު ވަނީ، ރަށްފުށުގެ އަންހެނުންނަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ޖޫން 15، 2020 ގައި ލޮކްޑައުންއަށް ލުއި ދިނުމާއެކު ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސް ވީ މީހުން ރަށުތެރެއަށް ނުކުމެ ހިތްހަމަ ޖައްސާލަނީ | ފޮޓޯ: މުހައްމަދު ހަލަފް އިލްޔާސް

ރާއްޖެއަށް މިކަމުގައި އޮތް ގޮތަކީ، ދުނިޔެއަށްވެސް އޮތް ގޮތް ކަން ފާހަގަ ކުރައްވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒު ކަށަވަރު ކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރު ކުރުމަށްވެސް ގޮވާލައްވާފައެވެ.

އަންހެނުންގެ ހައްގުތަކާއި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ ހަވާސާ އިވެންޓް، ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔައިރު، މި މައުލޫއާ ގުޅޭ ގޮތުން، އެކި ދާއިރާތަކުން ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔަ ކަމަށް ދިވެހި ސަރުކާރުން މައުލޫމާތު ދެއެވެ. މި ހަވާސާ އިވެންޓަކީ ދިވެހިރާއްޖޭގެ އިތުރުން ޔޫކްރައިން، ގަތަރު، ބޮޓްސްވާނާ އަދި ހޮންޑޫރާސްއިން އދއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންތައް ގުޅިގެން އިންތިޒާމު ކުރި އިވެންޓެކެވެ.