ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ބުނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ރޭ 22:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ މިހާރު ސީރިއަސް ކްރައިމް ޑިޕާޓުމަންޓުން ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ، ތިން ފިރިހެނުން ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.