އާ ސާސްކަފުގެ ފެށުމާއެކުގައިހެން ދުނިޔެއަށް ކުރިމަތިވި މާލީ ހީނަރުކަމުން، 2010 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އަރައިގަނެވެން ފެށިއިރު، ޓެކްނޮލޮޖީގެ ވަރުގަދަ ކުންފުނިތައް ކަމަށްވާ ގޫގްލް، އެޕަލް، ފޭސްބުކް އަދި އެމެޒޯން (ގަފާ) ގެ ބާޒާރު މަތީ އަގަކީ ގާތްގަނޑަކަށް 450 ބިލިއަން ޔޫރޯއެވެ. މި ކުންފުނިތަކަކީ އާ އީޖާދުތަކުގެ މަރުކަޒަކަށްވިއެވެ. ޓެކްނޮލޮޖީގެ ތަސައްވުރުގައި، އުފެއްދުންތެރި އީޖާދުތައް ގެނެސްދިނުމުގެ ރޮނގުން، ކުރިއެރުންތައް ހޯދަމުން ދިޔައީ އިންތިހާއަށެވެ.

އޭގެ ފަހުން ފާއިތުވެ މި ދިޔަ 10 ވަރަކަށް އަހަރު ދުވަހަށް ބަލާލަމާތޯއެވެ. މި ކުންފުނިތަކާއި މުޖުތަމައުގެ ގުޅުން ބަދަހިވެފައި މިއޮތީ، ޒަމާން ނުދެކޭ ފަދަ ދަރަޖައަކަށެވެ. މަސައްކަތުގެ މާހައުލުގެ ކަންކަމުގެ އިތުރުން، ޒާތީ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީވެސް ގަފާ ކުންފުނިތަކުން ކުރި އިޖާދީ ޕްލެޓްފޯމްތަކުގައެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، މި ކުންފުނިތަކުގެ އަގު އުފުލިގެން ދިޔައީ ފަތުއަޑުކިއާފައެވެ. ގަފާ ކުންފުނިތަކުގެ ބާޒާރުމަތީ އަގަކީ މިއަދު 6 ޓްރިލިއަން ޔޫރޯއެވެ.

ޓެކްނޮލިޖީގެ ވިއުގާއިން ދުނިޔެ ކޮންޓްރޯލް ކުރަމުން އަންނަ މަހުޖަނުން / ފޮޓޯ: ބިޒްނަސް އިންސައިޑާ

މުޅި ދުނިޔޭގެ ކޮންޓްރޯލް، މި ކުންފުނިތަކުގެ އަތްދަށުލާފައި އޮތް ފަދައެވެ. އެންމެ ވަރުގަދަ ސަރުކާރުތަކަށްވެސް ގަފާގެ މުށުތެރެއިން ސަލާމަތް ހޯދުނު ކަމަކަށް ނުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޕްލިކޭޝަންތައް ތައާރަފު ކުރިއިރު، އެންޑްރޮއިޑްއާއި އައިއޯއެސްއަށް ޓްރެކިންގް ސިސްޓަމް ތަރައްގީ ކޮށް، އެ ކޮންޓްރޯލް ކުރަމުން ދިޔައީ ގޫގްލްއާއި އެޕަލްއިންނެވެ. އޮސްޓްރޭލިއާގައި ނޫސްވެރިކަމުގެ މީޑިއާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހައްގު ހިމާޔަތް ކުރުމަށް އެ ގައުމުގެ ގާނޫނަށް އިސްލާހް ގެނައުމަށް މަސައްކަތް ފެށުމާއެކު، މުޅި ގައުމަށް ގޫގްލްގެ ހިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ދީ، ބިރު ދެއްކިއެވެ.

ޓެކްނޮލޮޖީގެ އެންމެ ނުފޫޒުގަދަ

ހުޅަނގު ބައްރުގެ އެންމެ ނުފޫޒުގަދަ ވިލާތުގެ ސަރުކާރުތަކާއި ސިޔާސީ ޝަހްސުންވެސް ގަފާ ކުންފުނިތަކަށް ދޫދީފައި އޮތް ފަދައެވެ. ސިޔާސީ ކެމްޕޭންތަކުގެ ފޯރި އެންމެ ގަދަވެގެންދާ ހިނދެއްގައިވެސް، މިއިން މައުލޫއަކަށް ބަހުސް ކުރައްވާ ކެންޑިޑޭޓަކު ނުފެނެއެވެ. މީޑިއާއަށް ބަލާލުމުންވެސް މިކަން ސާބިތުވެއެވެ. މި ކުންފުނިތަކާ ދެކޮޅަށް ސާބިތު ކަމާއެކު ތެދުވެ، އަޑު އުފުލާ މީޑިއާއެއްވެސް ހަގީގަތުގައި ނެތެވެ.

މިކަން މިހެން ހިނގަމުން ދާ ނަމަ، އެމެރިކާގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުން، ވިލާތުގެ ސިޔާސީ ކުރިމަގަށް ހުދުމުހުތާރީ ބާރު ނުފޯރުވާނެ ކަމަށް ބުނެވޭކަށްވެސް ނެތެވެ. މިއީ މީގެ ކުރިން ފެނިފައި ވާ ހާލަތެއް ނޫނެވެ.

ޓެކްނޮލޮޖީގެ އެންމެ ނުފޫޒުގަދަ

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ޓެކްނޮލޮޖީ އިންގިލާބެކެވެ. މި އިންގިލާބު އަދި ނިމޭކަށް ނެތެވެ. މިއީ އަދި އިންގިލާބުގެ އެންމެ ޅަފަތުގެ މަރުހަލާ ކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް، މި ނުރައްކާ އިންގިލާބުން މިނިވަންވުމުގެ ދޮރު މުޅިން ބަންދެއް ނުވެއެވެ. އެހެނެއްކަމަކު، ފުރުސަތު ދަނީ ހަނިވަމުންނެވެ. މި ކަން ކާމިޔާބު ކުރަން ބޭނުން ނަމަ، ޓެކްނޮލޮޖީގެ ވަރުގަދަ ކުންފުނިތައް އޮޕަރޭޓް ކުރާ ގޮތް އެނގިފައި އޮތުންވެސް މުހިންމެވެ.

20 ވަނަ ގުރުނުގައި ކުންފުނިތަކުން މާލީ ތަނަވަސްކަން ހޯދަމުން ދިޔައީ ކާރުހާނާތަކާއި، މެޝިނަރީއާއި އިންސާނީ ވަސީލަތުގެ ގާބިލިއްޔަތުކަމާއެކުގައެވެ. ވިލާތުގެ ގައުމުތަކުން ކުރި ހޯދަމުން ދިޔައީ އިލްމާއި އިގުތިސޯދީ ނިޒާމުތައް އޭގެ އެންމެ މެކުހަށް ޖަހައިގެންނެވެ. ނަމަވެސް، އަދުގެ ޑިޖިޓަލް ދުނިޔެ އޮޕަރޭޓް ކުރާ ގޮތް ވަރަށް ތަފާތެވެ.

ކަސްޓަމަރުންގެ ސުލޫކު ވަޒަން ކުރަނީ ހަމަ ދުނިޔޭގެ ވަގުތުގައެވެ. މިއާއެކު، އަދާ އެންމެ އެކަށޭނަ ގޮތަށް ޑިޖިޓަލް ހިދުމަތްތައް ފަރުމާކޮށް، ބައްޓަން ކުރުމުގެ ފުރުސަތު އެ ކުންފުނިތަކަށް ލިއްބައިދެއެވެ. ކަސްޓަމަރާ ބެހޭ އެތައް މައުލޫމާތެއް އެއް ކުރެއެވެ. އެ ޖަހާ ހިސާބެއް ޖެހުމަށްފަހު، ކަސްޓަމަރު އެންމެ ބޭނުންވާ ހިދުމަތްތައް އޭނާގެ އިނގިލި ކުރިތަކާ ހިސާބަށް ގެނެސްދެއެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް / ފޮޓޯ: ބަޒްފީޑް

ފާއިތުވީ 10 ވަރަކަށް އަހަރަށް ބަލާއިރު، ގަފާ ކުންފުނިތަކުން މުޅި ދުނިޔޭގެ ކޮންޓްރޯލް ނަގަމުން ދިޔައީ ވަރުގަދަ އޮޕަރޭޓިންގް ސިސްޓަމްތަކާއި، ބްރައުޒަރުތަކުގެ އިތުރުން ކްލައުޓް އިންފްރާސްޓްރަކްޗާ ކޮންޓްރޯލް ކޮށްގެން ކަމީ، ހަނދާން ނައްތާލެވެން އޮތް ކަމެއް ނޫނެވެ. އާންމުންނަށް މި ޕްލެޓްފޯމްތައް އެނގެނީ، އޮންލައިން ބާޒާރުތަކާއި، މުއާމަލާތު ކުރާ ވިއުގާތަކާއި، ގެވެހި ކަންކަމާ ގުޅޭ އެޕްލިކޭޝަންތަކެއްގެ ގޮތުގައެވެ.

20 ވަނަ ގަރުނަށް ޖެހިލަމާތޯއެވެ. މަސްރަހު ވަރަށް ތަފާތެވެ. ގަފާ ކުންފުނިތަކަށް ކުރިއެރުން ހޯދުނީ ވާދަވެރިޔާ ދޫދިން މިންވަރަކުންނެވެ. ނަމަވެސް ބޮޑެތި ރިސްކުތަކެއް ނެގިއެވެ. މާލީ ގެއްލުމެއްގައި އެތައް އަހަރަކު އޮޕަރޭޓް ކުރުމަށް މި ކުންފުނިތައް އޮތީ ތައްޔާރަށެވެ. ވާދަވެރިޔާ އިނދަޖައްސާލެވޭނެ މަގުތައް ހޯދުމަށް އެތައް ހޭދައެއް ކުރަމުން ދިޔައެވެ.

ގޫގްލްގެ ރައީސް އަދި ސީ.އީ.އޯ ސުންދަރު ޕިޗާއީ / ފޮޓޯ: ގެޓީއިމޭޖަޒް

މި ހުރިހާ ކަމެއް މިހެން ހުރިއިރު، ޓެކްނޮލޮޖީގެ ތެރެއިން މުޅި ދުނިޔެއަށް އަތްގަދަ ކުރާ ހުދުމުހުތާރު ކުންފުނިތަކުގެ އައްޑަނައަކީ، ހިދުމަތް ލިބިގަންނަ އާންމު ފަރުދުންނެވެ. ގަފާ ކުންފުނިތަކަށް ލިބިފައިވާ ހުދުމުހުތާރު ބާރުތަކުގެ ވާހަކަ ފެންމަތި ކުރާ ކޮންމެ ފަހަރަކު، އުޒުރެއް ކަމުގައި ދައްކަނީ އާންމު ކަސްޓަމަރުންނަށް އެ ކުންފުނިތަކުގެ ސަބަބުން ފައިދާގެ ވާހަކައެވެ. އާންމުންގެ ދިރިއުޅުމަށް ލިއްބައިދޭ ލުއި ފަސޭހަ ކަމުގެ ވާހަކައެވެ. ޖީބަށް ލުއި ކަމުގެ ހުއްޖަތެވެ.

ފުރަތަމަ އަހާލާއިރު، މިއީ ގަބޫލު ކުރަން ފަސޭހަ އުޒުރު ނުވަތަ ހުއްޖަތަކަށް ވެދާނެއެވެ. ނަމަވެސް، މިއީ ގަސްތުގައި އޮޅުވާލާ އޮޅުވާލުމެއް ކަން އޮތީ ސާފުވާށެވެ. މި ކުންފުނިތަކުގެ ހިދުމަތްތަކަކީ ގަފާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވިއްކާ ހިދުމަތްތަކެކެވެ. ހަގީގަތުގައި، އާންމު މީހާވެސް ބޮޑު ހޭދައެއް މިކަމަށް ކުރެއެވެ.

ޓެކްނޮލޮޖީގެ އެންމެ ނުފޫޒުގަދަ

އެންމެ ނުތަނަވަސް ކުރުވާ ކަމަކީ، އާންމު ފަރުދުންގެ ޒާތީ އެތައް މައުލޫމާތެއް ގަފާ ކުންފުނިތަކުގެ އަތްދަށުވެފައި ވާ ކަމެވެ. އެންމެ ކުޑަ، އެހެން ނަމަވެސް ހަޔާތް ބަދަލު ކޮށްލަނިވި ބޮޑެތި ސިއްރުތަކާ ގުޅޭ މައުލޫމާތުވެސް ޖަފާގެ ސިސްޓަމްތަކުގައި ވަނީ ރައްކާ ކޮށްފައެވެ. ގަފާގެ އުފެއްދުންތަކާ ނުލާ ދިރިއުޅުމަކީ މިއަދު ދަތި ކަމަކަށް ހަދާފައި އޮތް ފަދައެވެ.

ސްމާޓްފޯނު، ގޫގްލް މެޕް، ވަޓްސްއެޕް ނުވަތަ އެމެޒޯން ފަދަ ހިދުމަތްތަކާ ނުލާ، މިއަދު އާންމު ދިރިއުޅުމުގެ އެންމެ އަސާސީ ހިދުމަތްތައްވެސް ހޯދުން ދައްޗެވެ. ގަފާގެ ކުންފުނިތައް އެކުވެގެން ކޮންޓްރޯލް ކުރުމުންދާ ހިދުމަތްތަކުގެ ވޭންވެސް މާ ބޮޑެވެ. ގަފާގެ ކޮންޓްރޯލް ނެތް ދުނިޔެއަށް ހިޔާލަށް ގެނަންވެސް އަދުގެ ޖީލަށް ދަތިވާނެއެވެ. ސިޔާސީ މައިދާނުގައިވެސް މިކަން އޮތީ މިހެންނެވެ. އެންމެ މިނިވަން ކަމަށް ބުނާ ޑިމޮކްރަސީގެ ނިޒާމަށްވެސް ގަފާ ކުންފުނިތަކުން އަޅަނީ، ހުދުމުހުތާރުކަމުގެ ހިޔަނި ކަން ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ. މި ހުދުމުހުތާރު ކަމާ ދެކޮޅަށް، ޑިޖިޓަލް ދުނިޔެއެއްގައި ހަނގުރާމަ ކުރުމަކީ ވޭނާއި ގެއްލުންވެސް އިންތިހާއަށް ބޮޑު، ހަނގުރާމައަކަށް ނުވެ ނުދާނެއެވެ.