ދެކުނު އެފްރިކާއިން ފުރަތަމަ ފާހަގަ ކުރެވުނު ކޮރޯނާވައިރަސް ވޭރިއަންޓާ ދެކޮޅަށް، އޮކްސްފޯޑް/އަސްޓްރާޒެނީކާ ކޮވިޑް ވެކްސިންގެ އާ ވާޝަންއެއް ތަރައްގީކޮށް، މިއަހަރުގެ ޚަރީފު މޫސުމަށް ލިބިދާނެ ކަމުގެ އިޝާރާތެއް، އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ، ސޭރާ ގިލްބާޓް ދެއްވައިފިއެވެ.
ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސާ ގިލްބާޓް ވިދާޅުވީ، މިހާރު އޮކްސްފޯޑްގައި ކުރިއަށް ދަނީ (އާ) ވެކްސިން ތަރައްގީ ކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިމުމާއެކު، ވެކްސިން އުފައްދާ ޗޭނުގެ އެހެން މެމްބަރުންނާ ހިއްސާ ކުރާނެ ކަމަށާ، މި އަމާޒު ހާސިލު ވާނެ ކަމަށް ބެލެވެނީ މިއަހަރުގެ ބަހާރު މޫސުމުގެ ދުވަސްވަރުގައި ކަމަށްވެސް ޕްރޮފެސާ ގިލްބާޓް ވިދާޅުވިއެވެ.
ކޮވިޑް-19އާ ދެކޮޅަށް އޮކްސްފޯޑް/އަސްޓްރާޒެނީކާއިން ތަރައްގީ ކޮށް، މިހާރު ބޭނުން ކުރާ ވެކްސިނަކީ، ދެކުނު އެފްރިކާއިން ފާހަގަވި އާ ވޭރިއަންޓާ ދެކޮޅަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ ވެކްސިނެއް ނޫން ކަމަށް، އަސްޓްރާޒެނީކާގެ ތަރުޖަމާނަކު ވަނީ، މިދިޔަ ހޮނިހިރު ދުވަހު ސީއެންއެންއަށް ވިދާޅުވެފައެވެ.
ޕްރޮފެސާ ގިލްބާޓް ވިދާޅުވީ، ވެކްސިންގެ އާ ވޭޝަންއާއެކު އާ ވޭރިއަންޓާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދާ ދޭކަން މިއަހަރު ތެރޭ ސާބިތު ކޮށްދެވޭނެ ކަމަށެވެ. މިއާއެކު ފްލޫ ވެކްސިން ފަދައިން، ކޮންމެ އަހަރަކުވެސް ވެކްސިން އާ ވާޝަންތަކެއް އުފައްދަން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް ޕްރޮފެސާ ގިލްބާޓް ވަނީ ދެއްވާފައެވެ.