އަވަށްޓެރި އިންޑިއާގައި ހިމާލަޔާސް ފަރުބަދައިގެ ގްލޭޝީއާ (ގަނޑުފެނުގެ ކޯރު) އެއް، ތިރީގައި އޮތް ފެން ކޯރަކަށް ވެއްޓިގެން ހިނގި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ 7 އަށް އަރާ، ވީ ނުވީ އެއް ނޭނގި ގެއްލުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އުއްތަރަހާންދު ސްޓޭޓްގައި ހިނގި މި ހާދިސާގައި ގްލޭޝިއާ، ދައުލީ ގަންގާ އޭ ކިއުނު ކޯރަށް ވެއްޓި، ޑޭމްއެއް ހަލާކުވެ، ކުއްލި ގޮތަކަށް ފެންގަނޑު ބޮޑުވެގެން އައީ، ސަލާމަތްވާނެ ވަގުތުވެސް ނުލިބޭހާ ހަލުވި މިނެއްގައި ކަމަށް ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކިޔައިދީފައެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވީ، މުޅި އިންޑިއާ އޮތީ އުއްތަރަހާންދު ސްޓޭޓާ އެކުގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ. އުއްތަރަހާންދުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ކުރެއްވި ޓްވީޓްގައި ޝާހިދު ވިދާޅުވީ، މި ހަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މި ހާދިސާގައި އަސަރު ކުރި އާއިލާތަކަށް ހެޔޮ ދުއާ ކުރައްވާ ކަމަށްވެސް ޝާހިދުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

އުއްތަރަހާންދުގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގީ އާދީއްތަ ދުވަހު، އިންޑިއާ ގަޑިން، 11:00 ހާއިރުއެވެ.

އުއްތަރަހާންދު ސްޓޭޓްގެ ޗީފް މިނިސްޓަރު، ޓްރިވެންޑްރާ ސިންހް ރާވަތު ވިދާޅުވީ، މި ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައި ވާ މީހުންގެ ކަށަވަރު އަދަދު 125 އަރާ ކަމަށާ، މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ. މިހާރު ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިއަދަދު ވަނީ 170 އަށް އަރާފައެވެ.

ޗީފް މިނިސްޓަރު ވަނީ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 4 ލައްކަ ރުޕީޒް ދެއްވާނެ ކަން، އިއުލާން ކުރައްވާފައެވެ.

މި ހާދިސާގައި ހަލާކުވީ، ފެނުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ރިޝީގަންގާ ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓް ޑޭމް ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން، ޓަޕޯވަން ސަރަހައްދުގައި ކުރިއަށް ދިޔަ ޕަވާ ޕްރޮޖެކްޓަކަށްވެސް ގެއްލުންވި ކަމަށް މައުލޫމާތު ލިބެއެވެ.

ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނައީ، މި ޕްރޮޖެކްޓްތަކުގައި މަސައްކަތު އުޅުނު މީހުން ކަމަށް ހަބަރު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅުނު މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފެންބޮޑުވުމުގެ އިތުރު ހަދިސާއެއް ހިނގުމުގެ ނުރައްކަލެއް ނެތް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ދަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ތަހުގީގު ކުރަމުންނެވެ.

ބައެއް ތަޖުރިބާކާރުން ލަފާ ކުރައްވާ ގޮތުގައި، ގްލޭޝިއާއިން ގަނޑުފެންގަނޑުތަކެއް ކަނޑައިގެން ގޮސް ވެއްޓުނީ، ފިނިހޫނު މިން މައްޗަށް ދިއުމުގެ ސަބަބުންނެވެ. މިއާއެކު ގިނަ އަދަދެއްގެ ފެންތައް ބޭރުވެ، ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާ ގޮތަށް ގަލާއި ޗަކަ ފައިބައިގެން އައުމުގެ ފުރުސަތު އޮވެއެވެ.

ބިންގަނޑުކަނޑައިގެން ދިއުމުގެ ސަބަބުން ފޭބި ކިސަޑާއި ގަލުން ޖެހި، ގްލޭޝިއާ ކޯރު ހަލާކުވީ ކަމަށްވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިއީ އިންތިހާއަށް އެކަހެރި ކޮށް އޮންނަ ސަރަހައްދެއް ކަމުން، ކަނޑައެޅިގެން ވަކި ޖަވާބެއް ލިބުން ދަތި ކަމަށް ބެލެވެއެވެ.