ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އިތުރު ފުލުހުން މާލެ މަގު މައްޗަށް ނެރެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މާލެ ސިޓީގައި މަސައްކަތް ކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއާ އޮފިސަރުން ވެސް ހިމެނޭ ގޮތަށް މަގުމަތީގައި އިތުރު ފުލުހުން ބުރާސްފަތި ދުވަހުން ފެށިގެން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެ ސިޓީގައި މަސައްކަތް ކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި ސީނިއާ އޮފިސަރުންގެ 44 އޮފިސަރުން ކާފިއު ގަޑީގަ އާއި އެހެނިހެން ގަޑިތަކުގައި ވެސް މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ތެރޭގައި މާލެ ސިޓީ ލޮކްޑައުން އަކަށް ދިއުމާ ގުޅިގެން ވެސް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން މިގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައި ވާ ކަމަށެވެ.

2019 އިން 2024 އަށް އެކުލަވާލާފައި ވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ބިނާކޮށްފައި ވާ މައިގަނޑު އެއް އަސާސަކީ ފްރަންޓްލައިން ފަސްޓުގެ ސިޔާސަތެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑުގެ މަސައްކަތް ތަކުގައި ހަރަކާތްތެރިވަމުން ދާއިރު، ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތް ކުރުމުގައި ވެސް ފުލުހުން ބުރަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތުން މިދިޔަ އަހަރު ވެސް އޭގެ ކުރީ އަހަރެކޭ އެއްފަދައިން ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގޮސްފައިނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގައި ގުރޫޕްތަކުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތައް ހުއްޓުވާ، ތަހުގީގުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދީ މަގުމަތީގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.