ޓާފް ރޯލެއް ދަށުވެ މަޖޫރީއަކަށް އަނިޔާވި ހާދިސާއާ ގުޅިގެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަނުގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުގައި ފެބްރުއަރީ 4، 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއްގައި، "މިނާ އިންވެސްޓްމަންޓް“ ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ތަހުގީގު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަން ދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ކޮމެޓީން ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭގެ އިތުރުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް، ގަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ކުންފުނިން މިހާރު ވެސް މަސައްކަތް ކުރަމުން ދާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ވެސް އެމްޕީއެލްގައި ވަނީ އެފަދަ ހާދިސާއެއް ހިނގާ، މީހަކު ނިޔާވެފައެވެ. އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބާލަނިކޮށް، ޕެލެޓެއް ދަށުވެ، މަރުވެފައި ވަނީ ނ. ލަންދޫ / ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމްއެވެ.